މިއަދު ޓެސްޓުކުރި 6000 އަށްވުރެ ގިނަ ސާމްޕަލްތަކުގެ ތެރެއިން 1501 ފަރާތެއް ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ބެކްލޮގް ކްލިއާ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަދު ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރެއިން 1229 މީހަކު ޕޮޒިޓިވްވީ މާލެއިންނެވެ. އަތޮޅުތެރެއިން 265 މީހަކު ޕޮޒިޓިވްވި އިރު، ރިޒޯޓުތަކުން ޕޮޒިޓިވްވީ ހަތް މީހެކެވެ.

މިއަދު މާލެ ސަރަހައްދުން ނެގި 2735 ސާމްޕަލް އާއި އަތޮޅުތެރެއިން ނެގި 1740 ސާމްޕަލް އާއި ޓޫރިސްޓް ފެސިލިޓީތަކުން ނެގި 1733 ސާމްޕަލް ވަނީ ޓެސްޓުކޮށްފަ އެވެ.

މިއަދު 6،208 ސާމްޕަލް އެއް ޓެސްޓުކުރި އިރު، އޭގެ ތެރޭގައި މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން، ކްލިއާ ނުވެ ހުރި ގިނަ ސާމްޕަލްތަކެއް ހިމެނެ އެވެ. އެ ދުވަސްތަކުގައި ނަގާފައި ހުރި ސާމްޕަލްތަކުގެ ތެރެއިން 839 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްކަން މިއަދު ވަނީ ދެނެގަނެވިފަ އެވެ.

އެހެންކަމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވެފައި ވަނީ 662 މީހެކެވެ.

މިއާއެކު ރާއްޖޭގެ އެކްޓިވް ކޭސްގެ ޖުމްލަ ވަނީ 11،629 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 8،963 ދިވެހީންނާއި 2،663 ބިދޭސީންނެވެ. އެކްޓިވް ކޭސްތަކުގެ ތެރޭގައި 18 އަހަރުން ދަށުގެ 290 ކުދިންނާއި، 65 އަހަަރުން މަތީގެ 49 މީހަކު ހިމެނެ އެވެ.

އެކްޓިވް ކޭސްތަކުގެ ތެރެއިން، 247 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް17 ގައި ދެ މީހަކު ތިބި އިރު، ޑީއެޗް11 ގައި ހަ މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން ތިން މީހުން ތިބީ ވެންޓިލޭޓަރުގަ އެވެ. ޑީއެޗް16 ގައި ހަ މީހަކު އެޑްމިޓްކޮށްފައި އެބަތިއްބެެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 218 މީހަކަށް ފަރުވާދެމުން އަންނަ އިރު، އައިސީޔޫގައި 10 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން ދެ މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

ކޮވިޑަށް ފަރުވާ ދޭން އަތޮޅުތެރޭގައި ގާއިމުކޮށްފައި ހުރި ފެސިލިޓީތަކުގެ ތެރެއިން ބ. އޭދަފުށީ ފެސިލިޓީގައި ދެ މީހަކު، ށ. ފުނަދޫ ފެސިލިޓީގައި ހަތް މީހަކު އަދި ލ. ގަން ފެސިލިޓީގައި ހަ މީހަކު އެބް ތިއްބެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން، މިހާތަނަށް 26،795 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި ބަލީގައި 87 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންޓްރޯލް ނުވާތީ، މިއަދު ވަނީ މާލެ ސަރަހައްދުގައި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.