11 Feb 2012, 18:35
ސަންއޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ރާއްޖޭގެ ހަތް ސަރަހައްދުގައި ގާއިމްކޮށްފައިވާ ގައުމީ އިދާރާތައް އުވާލުމަށް އުވާލުމަށްފަހު އެ އިދާރާތަކުގައި ތިބި ހުރިހާ ސިޔާސީ މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
"ގައުމީ އިދާރާތައް ހެދިފައިހުރި ގޮތުން އެއީ ހުންނަން ޖެހޭ އިދާރާތަކެއް ކަމަށް ގަބޫލެއް ނުކުރެވޭ. މިހާރުން މިހާރަށް އަޅުގަނޑުވާނީ ނަޝީދުގެ ސަރުކާރުން އެ ތަންތަނަށް އައްޔަންކޮށްފައިވާ ސިޔާސީ ފަރާތްތައް ވަކިކޮށްފަ،" ޑރ. ޖަމީލު ވިދާޅުވި އެވެ.
މިނިސްޓަރު ޑރ. ޖަމީލު ވިދާޅުވީ ގައުމީ އިދާރާތައް އުވާލިކަމަށް ވިޔަސް އެތަންތަނުގައި ތިބި ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއިން ވަކި ނުކުރައްވާނެ ކަމަށާއި، މިހާރު އެތަންތަނުގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާ އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޖަލީމް ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީން އަތޮޅުތަކުގެ ސްކޫލްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ގައުމީ އިދާރާގައި އެޑިޔުކޭޝަނުގެ ވަކި ޔުނިޓެއް ގާއިމްކޮށްގެން ކުރަމުން ގެންދިޔުމަކީ އެއީ ވަރަށް ގިނަ ވަގުތުތައް ބޭކާރުވެ، ވަރަށް ގިނަ މަސައްކަތްތަކެއް ތަކުރާރުވެގެންދާ ކަމެއް ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ ކައުންސިލްތަކާއި މިނިސްޓްރީތައް ގުޅިގެން އެފަދަ ކަންކަމުގައި ކޯޑިނޭޓް ކުރާނެ އުސޫލެއް ގާއިމްކުރުމަށް ކަމަށެވެ.
"މިނިސްޓްރީތަކާއި ކައުންސިލްތަކާއި ސީދާގުޅޭ އިންތިޒާމްތަކެއް ހުރުން މާ ރަނގަޅުވާނެ. އެއީ ގާނޫނީ ގޮތުން އެކަން އޮތްގޮތް. މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ވަކި ޔުނިޓެއް އެތާގައި ބަހައްޓައިގެން އެ ޔުނިޓް މެދުވެރިކޮށް ކައުންސިލަށް ހުށަހަޅައިގެން ކައުންސިލުން އަންނަ އެއްޗެހި އަނެއްކާ އެ ޔުނިޓަށް ހުށަހަޅައިގެން އަނެއްކާ އެ ޔުނިޓްތަކުން ވުޒާރާތަކަށް ދާއިރު ވަރަށް ގިނަ ވަގުތުތަކާއި ވަރަށް ގިނަ މަސައްކަތްތަކެއް ތަކުރާރުވެގެން ދަނީ،" ޖަމީލު ވިދާޅުވި އެވެ.
ސަރުކާރުން ގައުމީ އިދާރާތަށް އުވާލިކަމުގައި ވިޔަސް އެ އިދާރާތަކުގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާ އެހެންތަނަކަށް ބަދަލު ނުކުރެވޭތީ ގައުމީ އިދާރާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އަދިވެސް މަސައްކަތް ކުރަނީ ގައުމީ އިދާރާގެ އޮފީހުގަ އެވެ.