ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ދެމުންގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އެޓާނީ ޖެނެރަލަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އަންގަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް، ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނެވުމަށް އެޓާނީ ޖެނެރަލަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

އަދި މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ފުރިހަމަ ކުރެއްވެން ނެތްނަމަ، އާ ގާނޫނެއްގެ ބިލެއް އެކުލަވައިލައްވައިގެންނަމަވެސް އެކަންކަަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ރައީސް ވަނީ އެޓާނީ ޖެނެރަލަށް އަންގަވައިފަ އެވެ.

މިއަދު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސް އެކަން މަޖިލީހުގެ މެންްބަރުންނާ ހިއްސާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ތިންބާރުގެ ވެރިންގެ ސެކިއުރިޓީގެ ކަންކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސް އެންގެވި އިރު، މި މަހުގެ ހަވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ވަނީ ޓެރަރިސްޓް ހަމަލާއެއް ދީފަ އެވެ. އެ ހަމަލާގައި އެމަނިކުފާނު ޒަހަމްވެވަޑައިގެން، އޭޑީކޭގައި ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ. އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެންނެވި ނަމަވެސް، މިހާރު ހާލުކޮޅު ރަނގަޅެވެ.