11 May 2021, 23:47
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދުކުރަންޖެހޭ ނަމަ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުން ހުއްދަކުރާ މިންވަރަކަށް ފައިސާ ބޭނުންކުރަންޖެހޭ ގޮތަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.
އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، އޭޕްރީލް 29 ވަނަ ދުވަހު ބޭއްވި ފުރަތަމަ ދައުރުގެ ފަހު ޖަލްސާގަ އެވެ. އާންމު ސިއްހަތުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް މިއަދު ތަސްދީގުކުރެއްވުމާއެކު، ގެޒެޓުގައި ޝާއިއުކޮށް މިހާރު ވަނީ އަމަލުކުރަން ފަށައިފަ އެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ ހަރަދުކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެ އެ ހާލަތުގައި ކުރަންޖެހޭ ހަރަދު އިތުރުވާނަމަ، މާލީ ކަންކަމަށް ޒިންމާވާ ވަޒީރު، އެ އިތުރަށް ބޭނުންވާ ފައިސާގެ މިންވަރުގެ ތަފްސީލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މަޖިލީހުން ހުއްދަކުރާ މިންވަރަކަށް އަދި ކަނޑައަޅާ އުސޫލުގެ މަތިން މެނުވީ އެ ފައިސާ ބޭނުންކޮށްގެން ނުވާނެކަމަށެވެ.
މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުލި ނުރައްކަލުގެ ހާލަތުގައި އެ ހަރަދު ކުރުމާ ގުޅޭ އިސްލާހަށް އަމަލު ކުރަން ލާޒިމްވާނެ ކަމަށް ބިލުގައި ބުނެ އެވެ.
ހަމައެއާއެކު، އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު، އެކަމާ ގުޅިގެން ކޮންމެ މަހަކު ހިނގާ އެންމެހާ ހަރަދުގެ ތަފްސީލާއި، ކުރިއަށް އޮތް ދެ މަސްދުވަހު ހަރަދުވާނެކަމަށް ލަފާކުރާ މިންވަރުގެ ތަފްސީލު، ކޮންމެ ދެ މަހަކުން، މާލީ ކަންކަމަށް ޒިންމާވާ ވަޒީރު މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ. އަދި އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތްއޮތުން ނިމުމަކަށް އަންނަތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެ ހާލަތާ ގުޅިގެން ކުރި އެންމެހާ ހަރަދުތަކުގެ ފުރިހަމަ އޮޑިޓެއް ކުރުމަށްފަހު ރައީސަށާއި މަޖިލީހަށާއި އޮޑިޓާ ޖެނެރަލްއަށް ހުށަހެޅުމަށް ބިލުގައި ބުނެފައިވެ އެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މަޖިލީހަށް ހުށަހަޅާ އެންމެހާ ތަފްސީލާއި ރިޕޯޓު، އާންމުންނަށް ލުއިފަސޭހަކަމާއެކު ލިބޭނެގޮތަށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ބިލުން ލާޒިމުކުރެ އެވެ. މީގެ އިތުރުންވެސް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު އިތުރަށް ހަރުދަނާކުރުމަށް ބިލުގައި މުހިންމު އިސްލާހުތަކެއް ހިމަނާފައިވެ އެވެ.