11 May 2021, 17:09
ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުން ދާތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މާލޭގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މަނާކޮށްފިއެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވާތީ އެޗްޕީއޭ އިން މިދިޔަ ހަފްތާގައި އަންގާފައި އޮތީ، މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރާއިރު ގައިދުރުކޮށް ތިބުމަށެވެ.
އެހެން ނަމަވެސް މާދަމާ އިން ފެށިގެން މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން ހުއްޓާލުމަށް މިއަދު ވަނީ އަންގައިފަ އެވެ.
މިސްކިތްތަކުގައި ނަމާދުކުރާއިރު ނޭފަތާއި އަނގަ ނިވާވާ ގޮތަށް މާސް އަޅަން ޖެހޭނެ އެވެ. އަދި މިސްކިތްތަކަށް ނަމާދުކުރަންދާއިރު، އަމިއްލަ މުސައްލަ ގެންދިއުމަށްވެސް ވަނީ އަންގާފަ އެވެ.
މާދަމާ އިން ފެށިގެން މި މަހުގެ 18ގެ ނިޔަލަށް، މާލެ ސަރަހައްދުގެ ކާފިއު ވަގުތު ވަނީ ހަވީރު ހަތަރަކުން، ފަތިހު ހަތަރަކަށް އިތުރުކޮށްފަ އެވެ. ކާފިއު ހިންގާ ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެކެވެ.
މާލެ ސަރަހައްދުގައި ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަމުން އައި އިރުވެސް، ފައި މަގުގައި ދަމު ނަމާދަށް ދެވޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ އިންތިޒާމު ހަމަޖައްސައިފަ އެވެ.
ރާއްޖޭގައި ވެސް ކޮވިޑް ފެތުރޭ މިންވަރު ފާއިތުވި މަހުން ފެށިގެން ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ފަހަކަށް އައިސް ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވް ކޭސްތަކުގެ އަދަދު އުޅެނީ 700 އަށް ވުރެ މަތީގަ އެވެ. އަދި ފާއިތުވި ދެ ދުވަހު، ބެކްލޮގް އާއެކު، ކޮންމެ ދުވަހަކު ވެސް 1000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެ އެވެ. އަދި ބަލީގައި މީހުން މަރުވާ ނިސްބަތް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އީދު ބަންދާ ދިމާކޮށް، މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް މިއަދު ވަނީ ހަރުކަށިކޮށްފަ އެވެ. އެގޮތުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން ހުއްޓާލަން ވަނީ އަންގައިފަ އެވެ. އެފަދަ ތަންތަނުން ދެވޭނީ ހަމައެކަނި ޑެލިވަރީ އަދި ޓޭކްއަވޭ ހިދުމަތެވެ.
ފުލުހުންގެ ހުއްދައާއެކު މެންދަަމު 12 އާހަމައަށް ޑެލިވަރީ ހިދުމަތުގެ ފުރުސަތު ދޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ގައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށް އެޗްޕީޕީއޭ އިން ވަނީ އަންގައިފަ އެވެ.
ހަމައެއާއެކު މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ވަނީ ނިންމައިފަ އެވެ.