އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލް، އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގެ ދެ އިސްވެރިޔަކަށް ފިޔަވަޅު އަޅައި، ދަރިވަރުންގެ ލޯނުތަކަށް ލުއި ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަންގަވައިފި އެވެ.

ފްލައިން ސްކޫލްގެ ހިންގުން ދޯދިޔާވެ ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވި ކޯސް ދިގުދަންމާލަމުންދާތީ އެ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.

އެ މައްސަލައިގައި ރައީސް ވަނީ މިއަދު ފިޔަވަޅުތަކެއް އަޅުއްވައިފަ އެވެ. އެގޮތުން ފްލައިން ސްކޫލުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިން އާއި އެކައުންޓަބަލް މެނޭޖަރާ މެދު ފިޔަވަޅު އެޅުމަށް ރައީސް ވަނީ ސިވިލް އޭވިއޭޝަނަށް އަންގައިފަ އެވެ.

ހަމައެއާއެކު ފްލައިން ސްކޫލުގެ މައްސަލަތައް ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން ފަރާތަކުން އޮޑިޓެއް ހަދައި، މިކަމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވާނަމަ އިހުމާލުވި ފަރާތްތަތާ މެދު ފިޔަވަޅު އަޅަން ވެސް ރައީސް ވަނީ އަންގައިފަ އެވެ.

އޭގެ އިތުރުން އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނަގާފައިވާ ދަރިވަރުންގެ ލޯނު މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔާ އެޑީއުކޭޝަން އިން ދޫކުރާ ލޯނުތަކަށް ބަދަލުކުރަން، ފިނޭންސް މިނިސްޓްރީއަށް ވެސް ރައީސް ވަނީ އަންގަވައިފަ އެވެ.

އެކަޑަމީގައި މިވަގުތު މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި ކިޔަވަމުންދާ ދަރިވަރުންނާއި، އަމިއްލަ ހަރަދުގައި ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއްވެސް ހިމެނެ އެވެ. އެ ސްކޫލުގައި ކިޔަވާ 150 އަށް ވުރެ ގިނަ ދިވެހި ދަރިވަރުންގެ ތެރޭގައި 90 އަށް ވުރެ ދަރިވަރުން ކިޔަވަނީ ހަޔާ އެޑިއުކޭޝަންގެ ލޯނުގަ އެވެ.

ބީއެމްއެލްގެ ލޯނުގައި ކިޔަވާ ކުދިންގެ ލޯނު ހަޔާ އެޑިއުކޭޝަނަށް ބަދަލުކުރާއިރު، އެކުދިންގެ ލޯނުގެ އިންޓްރެސްޓްގެ ޒިންމާ ނަގާނީ ހަޔާ އެޑިއުކޭޝަނުންނެވެ.

ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ދިގުލައިގެންގޮސް ކޯސް ނުނިމުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެގޮތުން 12-18 މަސް ދުވަހުން ނިމޭ ކޯހެއް، ތިން ހަތަރު އަހަރުވާއިރު ވެސް ނުނިމޭތީ ކުދިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމުގައި ހުރި ގޮންޖެހުންތަކަށް ފުރިހަމަ ހައްލެއް ލިބިފައިނުވާތީ، މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން އޭއޭއޭގަިއ މިހާރު ކިޔަވާ 96 ދަރިވަރުންގެ ވެސް ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިންމޭ ތާރީހަކުން ފެށިގެން 6 މަސްދުވަހަށް ވަނީ އިތުރުކޮށްދީފަ އެވެ.

އަދި އެ ސްކޫލަށް އިތުރު ދަރިވަރުން އެންރޯލްކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖެއިން ބޭރުން އެ ސްކޫލުގައި ކިޔަވަން އަންނަ ދަރިވަރުންނަށް ސްޓޫޑެންޓް ވިސާ ދޫކުރުން ވެސް ހުއްޓާލަން އިމިގްރޭޝަނަށް ވެސް ވަނީ އަންގައިފަ އެވެ.

މީގެކުރިން ވެސް ފްލައިން ސްކޫލުގެ އޮޑިޓެއް ވަނީ ހަދައިފަ އެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް ވަނީ ގިނަ މައްސަލަތަކެއް ފާހަގަކޮށްފަ އެވެ. މައްސަލަތައް ހައްލު ކުރުމަށް ދިން މުހުލަތުގައި އެކަންކަން ހައްލު ކޮށްފައެއް ނުވެއެވެ.