ވާޖީނިޔާ (ފެބްރުއަރީ 11) : އެމެރިކާއަކީ "މިނިވަން" ގައުމެއް ކަމަށާއި ޗައިނާއަކީ "މިނިވަން އެމެރިކާއަށް" އޮތް ބިރެއް ކަމަށް އެމެރިކާގެ ރިޔާސީ އިންތިހާބުގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގެ އެންމެ ކުރީގައި އުޅުއްވާ ކެންޑިޑޭޓް މިޓް ރުމްނީ ސިފަކުރައްވައިފި އެވެ.

ވާޖީނިޔާގެ ރެސްޓޮން ސިޓީގައި ކުންފުނިތަކުގެ ވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރުމްނީ ވިދާޅުވީ ޗައިނާ ބޮޑު ބާރެއްގެ ގޮތުގައި ފާޅުވަމުން ދިޔުމަކީ އެމެރިކާ އާއި ހުޅަނގުގެ "މިނިވަން ދިރިއުޅުމުގެ" ނަމޫނާ އަށާއި އޭގެ ފަލްސަފާއަށް ކުރިމަތިވަމުންދާ ވަރަށް ބޮޑު "ބިރެއް" ކަމުގަ އެވެ. އެމެރިކާ ދުނިޔެއަށް ނެރެގެންއުޅޭ "މިނިވަން ދިރިއުޅުމުގެ" ނަމޫނާ އާއި އޭގެ ފަލްސަފާއަކީ ހުޅަނގުން ދުނިޔޭގައި ފަތުރަން ބޭނުންވާ ވަރަށް ހާއްސަ ވެލިޔުތަކެއް ކަމަށާއި އެ ވެލިޔުތައް ދެމެހެއްޓުމަށްޓަކައި ވާންޖެހޭ ކޮންމެ ގުރުބާނީއެއްވެސް އެމެރިކާ ވާންޖެހޭނެ ކަމަށް ހަރުކަށި ނިއުކޮންޒަވެޓިވް ހިޔާލުގެ ބޭފުޅެއް ކަމަށްވާ ރުމްނީ ވިދާޅުވި އެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން "އެމެރިކަން ވޭ އޮފް ލައިފް" އަށާއި އެމެރިކަން ސްޓައިލްގެ މިނިވަން ކަމަށް ނުރައްކާކުރާ ތިންފަރާތަކީ ޗައިނާއާއި ރަޝިޔާ ގެ އިތުރުން އިސްލާމީ ހިޔާލުގެ "ޖިހާދީން" ކަމަށް ރުމްނީ ސިފަކުރެއްވި އެވެ. ދުނިޔޭގައި އެމެރިކާ އަދާކުރަމުންގެންދާ ޒައާމަތީ ދައުރު ގެއްލުމުގެ ނުރައްކާ ވެސް އޮތީ ޗައިނާ އާއި ރަޝިޔާގެ އިތުރުން އިސްލާމީ ހިޔާލުގެ "ޖިހާދީން"ގެ ފަރާތުން ކަމަށް ވިދާޅުވެ، އެމެރިކާގެ ވަތަނީ ހިޔާލުގެ ހަރުކަށި ފަރާތްތަކާއި އެމެރިކާގައި ބާރުގަދަކޮށްފައިވާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުގެ ތާއީދު ހޯއްދެވުމަށް ރުމްނީ މަސައްކަތް ކުރެއްވި އެވެ.

ރުމްނީގެ ކޭމްޕޭންގައި ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި ބަހުގެ ހަމަލާތައް އަމާޒުކުރާ އަމާޒު ފަތްގަނޑެއްގެ ގޮތުގައި ހަދާފައިވަނީ ޗައިނާ އެވެ. ޗައިނާއަކީ އަސްކަރީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން އެމެރިކާއަށް އެންމެ ބޮޑަށް ގޮންޖަހައި ވާދަކުރަމުން ގެންދާ އަދި މުސްތަގުބަލްގައި އެމެރިކާގެ މައްޗަށް ކުރިހޯދާނެ ސުޕާ ޕަވާ ކަމަށް ސްޓްރެޓީޖިކް ދިރާސާތަކުން ފާހަގަކޮށްފައިވާ ގައުމެވެ.

ދުނިޔޭގައި އެމެރިކާ އަދާކުރާ ޒައާމަތުގެ ދައުރަށް ގޮންޖެހުން ކުރިމަތިކުރުވާ ގައުމުތަކާއި ފަރާތްތަކަކީ ނުރައްކާތެރި ބައެއް ކަމަށް ސިފަކޮށް ދުނިޔޭގެ ސުޕާ ޕަވާ އެއްގެ ގޮތުގައި ތާއަބަދަށް ދެމިއޮތުމަށް މަސައްކަތެއް ކުރުމަކީ އެމެރިކާގެ ގައުމީ މަސްލަހަތުގެ އަސާސް ކަމަށް އެމެރިކާ ދެކެ އެވެ. (ނޫސްއެޖެންސީތައް)