ދިމިޝްޤު (ފެބްރުއަރީ 11) : ސޫރިޔާ ސިފައިންގެ ހަމަލާތަކުގައި އިއްޔެވެސް އެގައުމުގެ 100 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަހަމްވެއްޖެ އެވެ.

ސޫރިޔާގެ އިދިކޮޅު އެލަޔަންސުން ބުނިގޮތުގައި އިއްޔެގެ ހުކުރު ނަމާދަށްފަހު ސޫރިޔާގެ އެތައް ރަށެއްގައި ވަނީ އެތައް ހާސް ބަޔަކު މުޒާހަރާތައްކޮށް ރައީސް ބައްޝާރުލްއަސަދްގެ ސަރުކާރު ވައްޓާލުމަށް ގޮވާލާފަ އެވެ. މިމުޒާހަރާތަކަށް ބަޑިޖެހުމުން 75 މީހުން މަރުވެފައިވާއިރު ސިފައިން ހިންގި އެހެން އޮޕަރޭޝަންތަކުގައި މަދުވެގެން 25 މީހުން މަރުވެފައިވެ އެވެ.

އިއްޔެ އާއި އޭގެ ކުރީ ދުވަހުވެސް އިދިކޮޅު ފަރާތްތަކުގެ ބާރުގަދަ ރަށެއް ކަމަށްވާ ޙިމްސްއަށް ސިފައިން ބޮޑުބަޑި އާއި ޓޭންކާއި އަސްކަރީ މަތިންދާ ބޯޓުތަކުން ހަމަލާތައް ދިން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

މިދިޔަ ހަފްތާގައި ވެސް ސުރިޔާ ސިފައިން ޙިމްސްއަށް ހަމަލާދީ 200 އަށްވުރެ ގިނަ މީހުން މަރާލާފައިވެ އެވެ. ސޫރިޔާ ސަރުކާރު ވައްޓާލުމަށް ހިންގަމުން ގެންދާ ހަރަކާތްތަކުގައި އިދިކޮޅު ފަރާތްތަކުން ވެސް މިހާރު ހަތިޔާރު ހިފާފައިވާތީ ސޫރިޔާ އަހްލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވާއިރު، އިދިކޮޅު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "ސީރިޔަން ފްރީ އާމީ" ޖަމާއަތުންވެސް ސަރުކާރު ސިފައިންނަށް ހަތިޔާރުން ހަމަލާ ތައް ދެމުންގެންދެ އެވެ.

އަނެއްކޮޅުން ސޫރިޔާގެ ތިންވަނައަށް އެންމެ ބޮޑު ރަށް ކަމަށްވާ ޙަލަބްގައި އިއްޔެ ވަނީ ބާރުގަދަ ދެ ބޮން ގޮއްވާލާފަ އެވެ. މިދެބޮމުގެ ޒިންމާ ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ ބޮލުގައި އަޅުވާފައިވާއިރު އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މިއީ އެމީހުންގެ ނަންހުތުރުކުރުމުގެ ގޮތުން އެމީހުންގެ ބޮލުގައި އެޅުވުމަށްޓަކައި ސަރުކާރުން ރާވައިގެން ދިން ބޮމުގެ ހަމަލާތަކެއް ކަމުގަ އެވެ.

ސައޫދީ އަރަބިޔާއިން މިހާރު ގެންދަނީ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ސޫރިޔާ ސަރުކާރާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެކުރިން ސަލާމަތީ މަޖިލީހުން ފާސްކުރަން މަސައްކަތްކުރި ގަރާރުތައް ވެސް ވަނީ ރަޝިޔާ އާއި ޗައިނާގެ ވީޓޯގެ ސަބަބުން ފޭލްވެފަ އެވެ. (އަލްޖަޒީރާ)