11 May 2021, 11:38
މަގުމަތީ އަދި އާންމު ތަންތަނުގައި މާސްކު ނާޅާ އުޅުނު 141 މީހަކު ޖޫރިމަނާ ކޮށްފި އެވެ.
ކޮވިޑް19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު ވަގުތު ބޭރަށް ނިކުމެ އުޅޭ މީހުން އަދި ހުއްދަ ނެތި އުޅަނދު ދުއްވާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އިއްޔެ އެކަނި ވެސް، ކާފިއު ވަގުތު ބޭރުގަައި އުޅުނު 116 މީހަކު ޖޫރިމަނާ ކުރި ކަމަށާއި ވެހިކަލް ދުއްވި 10 މީހަކު ވެސް ޖޫރިމަނާ ކުރި ކަމަށެވެ.
ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަކޮށް ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް ކާފިއު އިއުލާނުކޮށް އެ ވަގުތުގައި ހުއްދަ ނެތި ބޭރަށް ނިކުމެ އުޅުމާއި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފަ އެވެ.
މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު އާ ހިލާފުވާ މީހުން ޖޫރިމަނާ ކުރަނީ 1،000 ރުފިޔާ އިންނެވެ.
އެޗްޕީއޭ އިން ބުނީ އާދިއތަ ދުވަހުގެ ހަވީރު ހަޔަކުން އިއްޔެގެ ހަވީރު ހަޔަކަށް 729 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ 10،376 މީހަކު މިހާރު އެބަތިއްބެވެ. ހޮސްޕިޓަލުގައި 244 މީހަކަށް ފަރުވާ ދެމުންދާއިރު 87 މީހުން ވަނީ ބަލީގައި މަރުވެފަ އެވެ.