މިދިޔަ ހަފުތާގައި ރާއްޖޭގައި ހިނގައި ދިޔަ ކަންތައްތައް މިނިވަންކަމާ އެކު ތަހުގީގުކޮށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި އާ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ކަށަވަރުކޮށް ދިނުމަކީ އާ ސަރުކާރަށް ވަރަށް މުހިއްމު ކަމެއް ކަމަށް ޖަރުމަނުން ބުނެފި އެވެ.

ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަ ޖަރުމަނު އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ރާއްޖޭގައި ހިނގައި ދިޔަ ކަންތައްތަކާ މެދު ޖަރުމަނުގެ ފޮރިން މިނިސްޓަރު ގުއިޑޯ ވެސްޓަވެލް ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އަދި އިންތިހާބުކޮށްފައިވާ އެމްޑީޕީގެ އެކިއެކި އޮފިޝަލުންނާއި އެޕާޓީ އަށް ތާއީދުކުރާ މީހުންނާ ދެކޮޅަށް ހިންގާފައިވާ ހަމަނުޖެހުންތަކާ މެދު ވެސް އޭނާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޖަރުމަނުގެ ބަޔާނުގައިވެ އެވެ.

ހުރިހާ ޕާޓީތަކެއް ބައިވެރިވާ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލަން ޑރ. ވަހީދު ނިންމެވި ނިންމެވުމަކީ އެމަނިކުފާނަށް އޮތް އިހުތިޔާރެއް ނޫން ކަމަށް ދެކޭ ކަމަށް ޖަރުމަނު ސަރުކާރުން ބުނެފި އެވެ.

"ޑިމޮކްރަސީގެ އެންމެހާ އުސޫލުތަކާއި ހަމަތަކަށް އިހުތިރާމުކުރުމަށާއި ގާނޫނުގެ ވެރިކަން ދެމެހެއްޓައި ސުލްހަވެރި މުޒާހަރާތައް ކުރެވޭނެ ކަމުގެ ޔަގީންކަން ދިނުމަށް، ފޮރިން މިނިސްޓަރު ވެސްޓަވެލް ރާއްޖޭގެ އާ ވެރިނަންނަށް ގޮވާލައްވައެވެ." ޖަރުމަނުގެ ބަޔާނުގައިވެ އެވެ.