މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރަން ހަމަޖެހުނު ފިލްމު "ވެނޮމް: ލެޓް ދެއާ ބީ ކާނޭޖް- ވެނޮމް 2"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މީގެ ކުރިން ފިލްމު ވެނޮމް އަޅުވާ ތާރީޚު ފަސްކޮށްފައި ވަނީ ކޮވިޑް19ގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ. ޝައުގުވެރި ގިނަ މަންޒަރުތަކެއް ފިލްމުގެ ޓްރެއިލާ އިން ފެނިގެންދިޔައިރު މި ފިލްމުގެ ޓްރެއިލާއަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. އަދި ފިލްމު ބެލުމަށް ކެތްމަދުވެފައިވާ ކަމަށް ވެސް އާންމުން އަންނަނީ ބުނަމުންނެވެ.

މިހާރު އޮތް ގޮތުން ފިލްމު އަޅުވަން ތާވަލްކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގަ އެވެ.

ވެނޮމް 2 އަކީ އެންޑީ ސާކިސް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ވެނޮމްގެ ރޯލު ކުޅޭނީ ޓޮމް ހާޑީ އެވެ. ވެނޮމްގެ ރޯލުން ޓޮމް ހާޑީ ފެނިގެންދާއިރު، ރިޕޯޓްތައް ބުނާގޮތުން ޓޮމް ހާޑީއަކީ ވެނޮމްގެ ފޭނެކެވެ. ސްޕައިޑަ މޭންގެ އެންމެ މަގްބޫލް ކެރެކްޓާރ، ވެނޮމް އެންމެ ފުރަތަމަ ބޮޑު ސްކްރީނުން ފެނިގެންދިޔައީ ސޭމް ރައިމީ ޑައިރެކްޓްކުރި، "ސްޕައިޑަ މޭން 3" އިންނެވެ. އެ ފިލްމުގައި ވެނޮމްގެ ރޯލުން ފެނިގެން ގޮސްފައި ވަނީ ޓޮފާ ގްރޭސް އެވެ.

ވެނޮމްގެ ފުރަތަމަ ފިލްމެއް އާންމުންނާ ހަމައަށް އައީ 2018 ވަނަ އަހަރުގަ އެވެ.