10 May 2021, 23:40
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބޮމުގެ ހަމަލާދިން ދި
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބޮމުގެ ހަމަލާދިން ދިން ސަރަހައްދު ހަތަރު ދުވަހަށްފަހު ހުޅުވާލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު، ރައީސް ނަޝިދު ދިރިއުޅުއްވާ އެމަނިކުފާނުގެ ގެކޮޅު ގ. ކެނެރީގޭ ކައިރީ މަޖީދީ މަގުން ނީލޯފަރު ގޯޅި ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އައީއީޑީއެއް ބޭނުންކޮށްގެން ދިން ބޮމުގެ ހަމަލާގެ ސަބަބުން އަދިވެސް ލިބުނު ގެއްލުންތަކަށް ރައީސް ނަޝިދަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އެރޭ އެ ވަގުތުން ފެށިގެން މަޖިދީ މަގުގެ ބައެއް އަދި، ރައީސް ނަޝިދުގެ ގެ ކޮޅު ހުންނަ ނީލޯފަރު މަގު ބަންދުކޮށް، އެސަރަހައްދުގައި ފުލުހުން އައީ ހަރަކާތްތެރިވަމުންނެވެ.
މިއަދުގެ ވަގުތެއްގައި އެ ދެމަގުވެސް ހުޅުވާލައި، އާންމުންނާއި ދުއްވާ އެއްޗިސަށް ވަދެވޭ ގޮތަށް ވަނީ ހަދާފަ އެވެ.
"ސަން"ގެ ނޫސްވެރިން އެ ސަރަހައްދަށް ގޮސް ބެލި އިރު، އަތަމާ ޕެލެސް ކުރިމަތީގައި ހުންނަ އިރު، ރައީސް ނަޝީދުގެ ކާރު ކޮޅަށް އަރާ މަންޒަރު ވަރަށް ރަނގަޅަށް ފެންނާނެވެ. އެ ހަމަލާދިނުމުގައި ރިމޯޓަށް ފިއްތާފައިވަނީ އަތަމާ ޕެލެސް ކުރިމަތީ ހުރެގެންނެވެ.

ބޮންގޮއްވާލުމަށް ރިމޯޓަށް ފިއްތި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް ހުރި ތަނުން މަންޒަރު ފެންނަ ގޮތް: ކުރިމަތިން ރައީސް ނަޝީދު ނީލޯފަރު ގޯލިން އަންނަ އިރު، އެ މަންޒަރު އޭނާއަށް ވަރަށް ރީޗަށް ފެންނާނެ -- ސަން ފޮޓޯ

ބޮން ގޮވި ވަގުތު އަދުހަމް ހުރި އަތަމާ ޕެެލެސް: އޭނާ ރިމޯޓަށް ފިއްތާފައިވަނީ މިތަނުގައި ހުރެގެން --- ސަން ފޮޓޯ
އެ ހަމަލާގައި ތުހުމަތު ކުރެވޭ ތިން މީހަކު މިހާތަނަށް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ހައްޔަރުކޮށްފައިވަނީ، އެވަގުތު ނީލޯފަރު ގޯޅި ކުރިމަތީގައި ހުންނަ އަތަމާ ޕެލެސް ކުރިމަތީ ހުރެގެން ބޮން ގޮއްވާލުމަށް ރިމޯޓަށް ފިއްތިކަމަށް ތުހުމަތު ކުރެވޭ، އުމުރުން 25 އަހަރުގެ ވ. ތިނަދޫ/ހިޔާ، އަދުހަމް އަހުމަދު ރަޝީދެވެ. އަދި އޭނާއާއެކު ދެން ހައްޔަރު ކުރީ އެ ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ، އުމުރުން 21 އަހަރުގެ މއ. ފޭރުގެ، މުޖާޒު އަހުމަދެވެ. އޭގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ، ބޮން ގޮއްވާލުމަށް ބޭނުންކުރި ސައިކަލުގެ ވެރިފަރާތްކަމަށް ތުހުމަތު ކުރެވޭ ގއ. ކަނޑޭ/ ފޮޅޭމާ، ތަހުމީން އަހުމަދެވެ.
އެ ތިން މީހުންގެ ބަންދަށްވެސް އިއްޔެ 15 ދުވަސް ޖަހާފައިވާއިރު، ތިން މީހުންވެސް ކޯޓުގައި ބުނެފައިވަނީ، ހަމަލާއާ ގުޅުމެއް ނެތްކަމަށެވެ.
ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ މަގުސަދު އަދި ސާފުނުވެފައިވާއިރު، ފުލުހުންނާއި ޕީޖީން ބުނެފައިވަނީ، އެމައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަކީ، ހަރުކަށި ފިކުރުގެ މީހުން ކަމަށެވެ.
"ސަން"އިން ހޯދި ހޯދުންތަކުންވެސް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ޕްރައިމް ސަސްޕެކްޓް އަދުހަމްއަކީ، ހަރުކަށި ފިކުރު މީހެކެވެ. އެގޮތުން އޭނާއަކީ، އެެހެން މީހުންނަކީ މުސްލިމުން ނޫން ކަމަށް ދޭކޭ މީހެއް ކަމަށާއި މީގެ ކުރިން އޭނާ ރާއްޖެއިން ބޭރުގައި ހިނގާ ދާހިލީ ހަނގުރާމައަށް ދިއުމަށް މަސައްކަތް ކުރި ކަމަށް ވެސް އެނގިފައިވެ އެވެ.
އެ ހަމަލާއާ ގުޅިގެން ފުލުހަށްވެސް އަދި އެމްއެންޑީއެފްގެ އިންޓެލިޖެންސަށްވެސް މައުލޫމާތު ނުލިބޭކަމަށް އެ ދެ މުއައްސަސާއަށްވެސް ބުނެފައިވެ އެވެ. ހަމަލާގެ މައުލޫމާތު ދުރާލާ ލިބިފައި ނުވާތީ އިންޓެލިޖެންސުގެ އޮޑިޓެއް ހައްދަވާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް ނަޝީދުގެ ސެކިއުރިޓީ ފެއިލްވި ގޮތުގެ ތަހުގީގެއް ހިންގުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީންވެސް ވަނީ ނިންމާފަ އެވެ.