އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން ފަބިއޯ ކަޕެއްލޯ އިސްތިއުފާ ދިނީ ޖޯން ޓެރީ އަތުން ކެޕްޓަން ބޭންޑް އަތުލުމުން ކަމަށް އިނގިރޭސި މީޑިއާގައި ބުނަން ފަށައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކަޕެއްލޯ ކޯޗް މަގާމުން އިސްތިއުފާ ދީފައިވަނީ ޖޯން ޓެރީ އަތުން ކެޕްޓަން ބޭންޑް އަތުލުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށެވެ.

"ކޮންމެ މީހަކު ނަމަވެސް އެމީހަކަށް އަދަބު ދޭން ޖެހޭނީ އެމީހެއްގެ މައްޗަށް ކުށެއް ސާބިތުވުމުން. ޓެރީއަތުން ކެޕްޓަން ބޭންޑް އަތުލެވިގެނެއް ނުވާނެ. އަހަރެން އެކަމާ ދެކޮޅުހަދަން،" ގައުމީ ޓީމުން އިސްތިއުފާ ދިނުމުން، ކޯޗް ކަޕެއްލޯއާ ހަވާލާދީ އިނގިރޭސި މީޑިއާ ތަކުގެ ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.

ކޯޗުކަމުގެ މަގާމުން ކަޕެއްލޯ އިސްތިއުފާދިން ނަމަވެސް، އޭނާ އިސްތިއުފާ ދިނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި މިހާތަނަށް އޭނާ މީޑިއާގައި ހާމަކޮށްފައެއް ނުވެ އެވެ.

އެގާރަ މަހަށްފަހު ޓެރީ އަތުން މިމަހުގެ ކުރީ ކޮޅު ކެޕްޓަން ބޭންޑް އަތުލީ ކުއީން ޕާކް ރޭންޖާސް (ކިޔުޕީއާރު) ގެ އިނގިރޭސި ޑިފެންޑަރު އެންޓަން ފާޑިނަންޑަށް ނަސްލީ ގޮތުން ޓެރީ ދިމާކުރި މައްސަލަ ކޯޓުން ބަލަމުންދާތީ އެވެ. އިނގިރޭސި އެފްއޭ އިން ކުރިން މިމައްސަލަ ބެލި ނަމަވެސް އެއްވެސް ހެއްކެއް ނެތުމުން ޓެރީ އަށް އަދަބެއް ދީފައެއް ނުވެ އެވެ.