10 May 2021, 22:31
ހިފާފައިވާ ގުދްސު (މޭ 10) : އިސްރާއީލުގެ އިސްތިއުމާރު ދަށުގައިވާ މާތްވެގެންވާ މަސްޖިދުލްއަގްސާގައި ނަމާދު ކުރުމަށާއި އެމިސްކިތުގައި އިއުތިކާފްކޮށް އަޅުކަން ކުރުމަށް ދާ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ އުދުވާނުގައި ރެއާއި މިއަދު ފަލަސްތީނުގެ 300 އަށް ވުރެ ގިނަމީހުން ޒަޚަމްކޮށްލުމުގެ އިތުރުން އަގްސާ ތެރޭގައިވާ މުސްހަފްތަކަށް ވެސް އިސްރާއީލުން ގެއްލުން ދީފި އެވެ.
ގުދްސަށް ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ އިސްތިއްމާރީ ސިފައިން މަސްޖިދުލްއަޤްސާގައި ރޭގައި ވެސް ބޮޑެތި ޖަރީމާތަކެއް ހިންގައި ފަލަސްތީނު މީހުންނަށް ހަމަލާތައް ދިނުމަށް ފަހު މިއަދު ހެނދުނު ވެސް ވަނީ އެހަމަލާތަކާއި އުދުވާން ކުރިޔަށް ގެންގޮސްފަ އެވެ. އަދި މިހާރު ވެސް ހުއްޓުމެއްނެތި އުދުވާން ކުރިޔަށްގެންދާ ކަމަށް ބައިނަލްއަގްވާމީ ޚަބަރުފަތުރާ ވަސީލަތްތައް ބުނެއެވެ.

އިސްރާއީލު ސިފައިންގެ މީހަކު ފަލަސްތީނު މީހަކަށް އަނިޔާކުރަނީ
އިސްރާއީލުގެ އިސްތިއްމާރީ ބާރުތަކުން މަސްޖިދުލްއަގްސާއަށާއި އެތަނުގައި އަޅުކަންކުރުމަށް ދާމީހުންނަށް ޙަމަލާދެމުން ގެންދަނީ ގޭސްބޮމާއި ސްޓަން ގްރެނޭޑް ގެ އިތުރުން ކަރުނަ ގޭހާ ރަބަރު ވަޒަން ވެސް ބޭނުންކޮށްގެން ފުޅާ ދާއިރާއެއްގަ އެވެ. މީގެއިތުރުން ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި ވަޒަންވެރި ކުރުވާފައި ތިބޭ ޔަހޫދީ ހަރުކަށި ފިކުރުގެ ވަޒަންވެރިން ވެސް ވަނީ އިސްރާއީލު ސިފައިންނާ ގުޅިގެން ފަލަސްތީނު މީހުންނަށް ޙަމަލާތައް ދޭން ފަށައިފަ އެވެ.
ބައެއް މުސްހަފްއާއި މުސްހަފް ބަހައްޓާ ހަރުތައްވަނީ އަންދާލާފައި
މިއަދު އިސްރާއީލު ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ވަނީ މަސްޖިދުލްއަގްސާގެ އެތެރެއަށްވަދެ ފަލަސްތީނު މީހުންނަށް ޙަމަލާ ދިނުމުގެ އިތުރުން އެމިސްކިތުގައިވާ ދީނީ ފޮތްތަކާއި ކީރިތި ގުރުއާނުގެ ކޮޕީތަކުގައި (މުސްހަފް ތަކުގައި) އަލިފާން ވެސް ރޯކޮށްފައި ކަމަށް ޚަބަރުތައް ބުނެ އެވެ. މިއަލިފާނުގެ ސަބަބުން ބައެއް މުސްހަފްއާއި މުސްހަފް ބަހައްޓާ ހަރުތައް ވަނީ އަނދައިފަ އެވެ.

އިސްރާއީލު ސިފައިން ފަލަސްތީނުގެ އަންހެނަކު ހައްޔަރު ކުރަނީ
އިސްރާއީލުން މަސްޖިދުލްއަގްސާގައި ނަމާދުކުރުމަށާއި އަޅުކަން ކުރަންދާ ފަލަސްތީނު މީހުންނަށް ހުރަސްއަޅައި ހަމަލާދީ ޖަރީމާތައް ހިންގާތާ ހަފްތާއެއް ވެފައިވާއިރު އެކަންކުރަނީ އިސްރާއީލު ހުއްދަދޭ ވަރަށްވުރެ ގިނައިން ފަލަސްތީނު މީހުން މަސްޖިދުލްއަގްސާއަށް ދާތީ އެއީ ގަވައިދާ ޚިލާފު ކަމެއްކަމުގެ ބަހަނާ ދެއްކުމަށްފަހުއެވެ.
އުދުވާންގެ މައިގަނޑު މަގްސަދަކީ ނަތަންޔާހޫ ވެރިކަމުގައި ދެމިހުރުން
ރިޕޯޓްތައް ބުނާ ގޮތުން މަސްޖިދުލްއަގްސާގައި ނަމާދުކުރުމަށާއި އަޅުކަން ކުރަންދާ ފަލަސްތީނު މީހުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ޙަމަލާދެނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާ މަގާމުގައި ދެމިހުރުމަށްޓަކައި ސިޔާސީ ބޭނުމެއް ހާސިލް ކުރުމަށެވެ. ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލާގައި އިސްރާއީލުގެ ކޯޓުތަކުގައި ނަތަންޔަހޫގެ މައްޗަށް ޝަރިއަތް ހިންގަމުން ގެންދާއިރު ނަތަންޔާހޫ މިޖަރީމާތައް ހިންގަނީ އިސްރާއީލުގެ އާންމުންގެ މެދުގައި އޭނާގެ މަގްބޫލުކަން ހޯދައިގެން އެކަމުން ސަލާމަތްވާނެ ސިޔާސީ ބާރު ހޯދުމަށާއި އޭނާއަކީ ވަރުގަދަ ލީޑަރެއްކަން ދެއްކުމުގެ ސިޔާސީ ބޭނުމުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޭގެ އިސްރާއީލުގެ އުދުވާނުގައި މަސްޖިދުލްއަގްސާގެ އެތެރެއަށް ދީފައިވާ ގެއްލުންތައް
ހަތިޔާރާއެކު އިސްރާއީލުގެ ސިފައިން މަސްޖިދުލްއަގްސާގައި ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގާ އުދުވާނާ ކުރިމަތިލަމުން ގެންދަނީ ހަތިޔާރުނެތް ފަލަސްތީނުގެ އާންމު ރައްޔިތުންނެވެ. ފަލަސްތީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގައި ވެސް ފަލަސްތީނުގެ ރައްޔިތުން ވަނީ އަގްސާގައި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނު ރައްޔިތުންނަށް ހިއްވަރު ދިނުމަށްޓަކައި މުޒާހަރާތައް ފަށާފަ އެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުން ވަނީ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީ ވަޒަންވެރިންގެ ސަރަހައްދުތަކަށް ރޮކެޓް ޙަމަލާތަކެއް ވެސް ދީފަ އެވެ. އަގްސާގައި އުދުވާން ކުރިޔަށް ގެންދާ ނަމަ އިސްރާއީލުގެ އެތަން މިތަނަށް ރޮކެޓް ޙަމަލާ ދޭނެކަމުގެ އިންޒާރު ވެސް ޙަމާސް އިންވަނީ ދީފަ އެވެ.
އިސްރާއީލު ގެންދަނީ ނަސްލު ސާފުކުރުމުގެ ހަރަކާތްތަކެއްވެސް ހިންގަމުން
އަނެއްކޮޅުން އިސްރާއީލު ގެންދަނީ ގުދްސުގައިވާ ފަލަސްތީނުގެ އަވަށެއްކަމަށްވާ ޝައިޚް ޖައްރާޙްގައި ދިރިއުޅޭ މީހުން އެމީހުންގެ ގެދޮރުން ބޭރުކުރުމަށް ފަހު އެއަވަށް ޔަހޫދީ ވަޒަންވެރިންނަށް ދިނުމުގެ ލާއިންސާނީ އަދި ނަސްލު ސާފުކުރުމުގެ ހަރަކާތްތަކެއްވެސް ހިންގަމުންނެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ މިއުދުވާން އަރަބި އަދި އިސްލާމީ ގައުމުތަކުން ކުށްވެރި ކުރަމުން ގެންދާއިރު ފަލަސްތީނުގެ އެދުމުގެ މަތިން އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބައްވާގޮތަށްވަނީ ހަމަޖެހިފަ އެވެ. ނަމަވެސް މި ބައްދަލުވުމުގައި އިސްރާއީލުގެ އަނިޔާވެރިކަން ކުށްވެރިކޮށް ބަޔާނެއް ނެރެން ސަލާމަތީ މަޖިލީހުން މަސައްކަތް ކޮށްފި ނަމަ އެމެރިކާ އެކަމަށް ހުރަސްއަޅާނެކަމަށްވަނީ ބެލެވިފަ އެވެ.
އެމެރިކާގެ މީޑިއާތަކުން އިސްރާއީލުގެ އުދުވާން ކަވަރެއް ނުކުރޭ
ދުނިޔޭގެ މީޑިއާ ތަކުން އިސްރާއީލުގެ އަނިޔާވެރިކަން ކަވަރު ކުރަމުން ގެންދާއިރު އެމެރިކާގެ މީޑިއާތަކުން މިކަމާ އަޅައެއް ނުލައެވެ. އަދި ދުނިޔޭގެ ގައުމުތަކުން އިސްރާއީލު ކުށްވެރިކޮށް ބަޔާންތައް ނެރެމުންދާއިރު އެމެރިކާވަނީ އެގައުމުން ވާގިވެރިވާ އިސްރާއީލު ކުށްވެރި ކުރުމަށް ފަސްޖެހިފަ އެވެ.
އިސްރާއީލުގެ އުދުވާން ކުށްވެރި ކުރުމަށްޓަކައި މާދަމާ އަރަބި ލީގުގެ ބައްދަލުވުމަކާއި އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން(އޯއައިސީ)ގެ ކުއްލި ބައްދަލުވުމެއް ބާއްވާގޮތަށްވަނީ ހަމަޖެހިފަ އެވެ.