ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްގެ ވާދައިގެ ތައްޓަށް ކުޅޭ ހަތަރު ވަނަ އަންހެނުންގެ ވޮލީ މުބާރާތުގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް، ފައިނަލްގެ ދެ ވަނަ ޖާގަ ނައިފަރު ޖުވެނައިލްގެ ޓީމުން ކަށަވަރުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ ވޮލީކޯޓުގައި ރޭ ކުލަބް ޕީކޭ އާއި ބައްދަލުކޮށް ޖުވެނައިލްއިން މެޗް ކާމިޔާބު ކުރީ ސީދާ ތިން ސެޓުން ނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އައިޝަތު ނާޒިމާ އެވެ.

މެޗްގެ ސެޓްތައް ޖުވެނައިލް ކާމިޔާބު ކޮށްފައިވާ ގޮތަށްބަލާ އިރު، ފުރަތަމަ ސެޓް ކާމިޔާބުކުރީ 25-11 އިންނެވެ. އަދި ދެ ވަނަ ސެޓް 25-9 އިން ކާމިޔާބު ކުރި އިރު ފަހު ސެޓް ޖުވެނައިލް އިން ކާމިޔާބު ކުރީ 25-11 އިންނެވެ.

ޖުމްލަ ފަސް ޓީމް ވާދަކުރި މިމުބާރާތުގެ ފައިނަލުގައި މާދަމާ ރޭ 8:30ގައި ޖުވެނައިލްއާ ދެކޮޅަށް ނިކުންނާނީ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރި ޕޮލިސް ކުލަބެވެ.

މުބާރާތުގައި ވާދަކުރާ ފަސް ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކުލަބް، އަމިކާ ސްޕޯޓްސް ކުލަބް، ކުލަބް ވިޗެންޒާ، ޖުވެންލައިން ސްޕޯޓްސް ކުލަބު އަދި ކުލަބް ޕީކޭ އެވެ.