10 May 2021, 11:52
ބެއިޖިން (މެއި 10): އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން ޗައިނާގައި ތައްޔާރު ކުރަން އެގައުމުގެ ފޮސުން ފާމާގެ ޔުނިޓަކާ އެކު ބަޔޯއެންޓެކްއިން ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދައިފި އެވެ.
ފޮސުން ފާމާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ކުންފުނީގެ ޔުނިޓަކުން ބަޔޯއެންޓެކްއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ދެ ފަރާތުން 100 މިލިއަން ޑޮލަރު އިންވެސްޓު ކުރާނެ އެވެ. އެގޮތުން ޗައިނާގައި އަހަރަކު އެއް ބިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން އުފެއްދުމަށް ބޭނުންވާ ފެކްޓަރީތަކާއި މުދަލަށް އެ ކުންފުނިން ހަރަދު ކުރާނެ އެވެ. އަދި ބަޔޯއެންޓެކްއިން ވެކްސިން އުފެއްދުމުގެ ޓެކްނޮލޮޖީ އާއި ލައިސެންސްއަށް ހަރަދު ކުރާނެ އެވެ.
"އަހަރަކު ކޮރޯނާވައިރަސް ވެކްސިންގެ އެއް ބިލިއަން ޑޯޒް އުފެއްދޭނެ ކާރުހާނާއެއް މި ޖޮއިންޓް ވެންޗާގައި ފޮސުން ފާމަސޫޓިކަލް އިންޑަސްޓްރީން ހިމަނާނެ،" އެ ކުންފުނިން ނެރުނު ބަޔާނެއްގައިވެ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކަށް ބަޔޯއެންޓެކްގެ ވެކްސިން ފޯރުކޮށްދިނުމަށް އެ ކުންފުނިން އެއްބަސްވުން ހަދާފައި ވަނީ ފައިޒާއާ އެކު އެވެ. ނަމަވެސް އެ ކުންފުނިން ޗައިނާ، ހޮންކޮންގް އަދި ޓައިވާނަށް ވެކްސިން ފޯރުކޮށްދޭން އެއްބަސްވުން ހަދާފައި ވަނީ ފޮސުން ފާމާއާ އެކު އެވެ.
ޗައިނާއިން މިހާތަނަށް އެގައުމުގައި ބޭނުން ކުރަން ހުއްދަ ދީފައި ވަނީ އެގައުމުގެ ކުންފުނިތަކުން އުފައްދާފައިވާ ހަތަރު ކޮވިޑް ވެކްސިނަކަށެވެ. ނަމަވެސް އެގައުމުން "އެންމެ ލަސްވެގެން އަންނަ ޖުލައި މަހު ބަޔޯއެންޓެކްގެ ވެކްސިންއަށް ހުއްދަ ދޭނެ" ކަމަށް އެ ކުންފުނީގެ ސީއީއޯ އުގާ ޝާހިން ވިދާޅުވި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން މީހުންގެ ގަޔަށް ޖަހަށް ހުއްދަ ދިން ފުރަތަމަ ކޮވިޑް ވެކްސިނަކީ ފައިޒާ-ބަޔޯއެންޓެކްގެ ވެކްސިން އެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ.