10 May 2021, 12:01
ލ. ގަމު މިސްކިތެއްގައި ނަމާދަށް ތިއްބާ މުދިމަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
މުދިމަށް ހަމަލާ ދިނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ގަން، ތުނޑި، އާބާދީ ސަރަހައްދު މިސްކިތުގައި ދަމު ނަމާދު ކުރަމުން ދަނިކޮށް، މިސްކިތަށް ވަން މީހެކެވެ.
އެ މީހާ މިސްކިތަށް ވަދެ، މުދިމު ގައިގައި ޖަހައި މައިކް އެއްލާލުމަށް ފަހު ނުކުމެގެން ދިޔައީ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިދިޔަ ޖެނުއަރީ މަހު ހުޅުމާލޭ އަޒީޒާ މިސްކިތުގައި ނަމާދަށް ހުރި އުމުރުން ދުވަސްވީ މީހަކާ މާރާމާރީ ހިންގައިގެން އިންޑިއާ މީހަކު ހައްޔަރުކުރި އެވެ. އޭނާ ވަނީ ފަހުން ޑީޕޯޓުކޮށްލައިފަ އެވެ.