11 Feb 2012, 15:13
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުންގެ އެލަވަންސްގެ ގޮތުގައި 2010 ވަނަ އަހަރު ގާނޫނާ ހިލާފަށް 1,030,160 ރ. ހަރަދުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ސޮއިކުރައްވައި އޮޑިޓް އޮފީހުގެ ވެބްސައިޓުގައި ހޯމަ ދުވަހު އާއްމުކޮށްފައިވާ ޖޭއެސްސީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 4.3 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ބަޖެޓުގައި ފައިސާ ހިމެނިފައިވީ ނަމަވެސް ހަރަދުކުރަން ޖެހެނީ ކުރަންބޭނުންވާ ކަމަކަށް ބޭނުންވާ ވަރަށް ކަމަށެވެ. އަދި މެމްބަރުންގެ އެލަވަންސްގެ ގޮތުގައި ހަރަދު ކުރާނޭ އަދަދެއް ގާނޫނު އަސާސީގެ 102 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ނުވަނީސް ޖޭއެސްސީގެ މެމްބަރުން އަމިއްލަ އަށް އެލަވަންސެއް ކަނޑައަޅައި ހަރަދުކުރުމުގެ ސަބަބުން ދައުލަތުން ހަރުދުކުރަން ނުޖެހޭ ފައިސާ އެ ކަމަށް ހަރަދުވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ފައިސާ އަކީ 5، އަދި 7 ޖެނުއަރީ 2009 ގައި ޖޭއެސްސީން ބޭއްވި ބައްދަލުވުންތަކުގައި މެމްބަރުން އަމިއްލައަށް ނިންމައިގެން އެ ކޮމިޝަނުގެ ބައްދަލުވުންތަކުގައި ސިޓިން އަކަށް މެމްބަރަކަށް 500ރ. އަދި ކޮމިޓީތަކުގެ ބައްދަލުވުންތަކުގައި ސިޓިން އަކަށް 300ރ. ގެ މަގުން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ނަގާފައިވާ ފައިސާއެވެ.
އެ ފައިސާ އަނބުރާ ހޯދައި ދައުލަތުގެ ކޮންސަލިޑޭޓެޑް ރެވެނިއު ފަންޑަށް ޖަމާކުރުމަށާއި އަދި އެލެވެންސް ނެގި މެމްބަރުންގެ ތެރެއިން ކޮމިޝަނުން ވަކިވެފައިވާ މެމްބަރުން އެ ފައިސާ އަނބުރާ ދިނުމަށް އިއުތިރާޒް ކުރާ ނަމަ ޝަރީއަތަށް ހުށަހަޅައިގެން ވެސް ފައިސާ ހޯދުމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވާފަ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ޖޭއެސްސީގެ މެމްބަރުންނަށް ދިނުމަށް ކަނޑައަޅާފައިވާ މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން ކޮމިޝަނުގެ ދެ މެމްބަރަކަށް 2009 ވަނަ އަހަރާއި 2010 އަހަރު 11،000ރ. ދީފައިވާ ކަމަށާއި ނަމަވެސް އެ ފައިސާ އަކީ ގާނޫނު އަސާސީގެ 102 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީގެ މެމްބަރުންނަށް ދިނުމަށް ކަނޑައަޅާފައިވާ އެލަވަންސެއް ނޫން ކަމަށެވެ. އަދި އެ ގޮތަށް އެ ފައިސާ ހަރަދުކުރުމުގެ ސަބަބުން ދައުލަތުން ކުރަން ނުޖެހޭ ހަރަދެއް ހިނގާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ކޮމިޝަނުގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދީފައި ވަނީ ވެސް ސިވިލް ސާވިސް ގަވާއިދާއި ހިލާފަށް ކަމަށާއި އެގޮތުން 2010 ވަނަ އަހަރު ޖޭއެސްސީގެ މުވައްޒަފުންގެ އިތުރުގަޑީގެ ގޮތުގައި ދީފައިވާ 319،890ރ.ގެ ތެރެއިން ގާތްގަނޑަކަށް 35 ޕަސެންޓް ފައިސާ (961،111ރ.)އަކީ ދޭން ނުޖެހޭ ފައިސާ ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކޮށްފަ އެވެ.
އަދި ޖޭއެސްސީގެ ގާނޫނުގެ 36 މާއްދާގެ ދަށުން ހުށަހަޅަން ޖެހޭ ކޮމިޝަނުގެ ހަރަކާތްތަކުގެ މައްޗަށް އެކުލެވޭ އަހަރީ ރިޕޯޓު ހުށަހަޅާފައި ނުވާ އިރު ގާނޫނު އަސާސީގެ 153 ވަނަ މާއްދާގެ ދަށުން ކޮންމެ ފަނޑިޔާރަކު އެފަނޑިޔާރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި އަރަންޏާއި ދަރަނި ހާމަކަށް އަހަރަކު އެއްފަހަރު ބަޔާނެއް ހުށަހަޅަން ޖެހޭ ކަމަށާއި ނަމަވެސް އެކޮމިޝަނުން އައްޔަންކޮށްފައިވާ 182 ފަނޑިޔާރުންނާއި ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ތެރެއިން 2010 ވަނަ އަހަރު ބަޔާން ހުށަހަޅާފައި ވަނީ 172 ފަނޑިޔާރުން ކަމަށް ވެސް އޮޑިޓް ރިޕޯޓު ބުނެ އެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ ޖޭއެސްސީ ހިންގުމަށްޓަކައި ހ.ޓޫސްޓާގައި ހުންނަ ޕޯސްޓް ބިލްޑިންގެ ގެ ދެ ފްލޯ އެއް މަހަކު 149،446ރ. ދައްކާ ގޮތަށް ތިން އަހަރަށް ހިފާފައިވާ އިރު އެތަން ކުއްޔަށް ހިފިތާ ހަތް މަސް ވީ އިރުވެސް އެތަނަށް ޖޭއެސްސީގެ ހިންގުން ބަދަލުކުރެވިފައި ނުވާ ކަމަށާއި އެ ހަތް މަސް ތެރޭގައި އެތަނުގެ ކުލީގެ ގޮތުގައި 1،195،569ރ. ހަރަދުވެފައިވާ ކަމަށެވެ. ޖޭއެސްސީން ޕޯސްޓް ބިލްޑިންގެ ގެ ހަވަނަ އަދި ހަތްވަނަ ފަންގިފިލާ ކުއްޔަށް ހިފާފައިވަނީ ފާއިތުވި އަހަރުގެ މާޗް މަހުން ފެށިގެންނެވެ. އަދި ފާއިތުވި ނޮވެމްބަރު އެއްވަނަ ދުވަހު ޖޭއެސްސީން ވަނީ އެއް ފަންގިފިލާ ދޫކޮށްލާފަ އެވެ.
މީގެ އިތުރުން އެ ކޮމިޝަނަށް 2010 ވަނަ އަހަރު 143 މައްސަލަ ހުށަހެޅުނު އިރު އޭގެތެރެއިން ބަލައި ނިންމާފައިވަނީ އެންމެ ހަ މައްސަލަ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ޖޭއެސްސީ އުފެދުނު ފަހުން އޮގަސްޓް 2011ގެ ނިޔަލަށް 318 މައްސަލަ ހުށަހަޅާފައިވާ އިރު އެ މުއްދަތަށް ނިމިފައިވަނީ 125 މައްސަލަ ކަމަށާއި ނިމުނު މައްސަލަތަކުގެ ތެރެއިން ތިން މައްސަލައެއްގެ ޖަވާބު މައްސަލަ ހުށަހެޅި ފަރާތްތަކަށް ދީފައިނުވާ ކަމަށްވެސް ބުނެފައިވެ އެވެ.