ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 85 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައި އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމުގައި ފަރުވާ ދެމުންދިޔަ ކޮވިޑް-19 ބަލިމިހަކު މަރުވެފައިވާކަމަށް އިއުލާންކޮށްފަ އެވެ.

އެޗްޕީއޭއިން ބުނިގޮތުގައި މަރުވެފައިވަނީ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ މަރުވީ މިއަދު ފަތިހު 4:00 ގައިކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ.

ރާއްޖެއިން މިހާރު ފެންނަމުންދާ ކޮވިޑް-19 ކޭސްތަކުގެ އަދަދު މިވަނީ އިންތިހާއަށް މަތިވެފަ އެވެ. އެގޮތުން އިއްޔެ އެޗްޕީއޭއިން ވަނީ ޖުމްލަ 1،091 އާ ކޭސް ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި 791 ކޭސްއަކީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ ނެގުނު ސާމްޕަލް އެވެ.

ކޭސްތަކުގެ އަދަދު އިންތިހާއަށް ގިނަވެފައިވާއިރު ރާއްޖޭގައި ބަލީގެ އެހެން ވޭރިއެންޓެއް އުޅޭކަމަށްވެސް ބައެއް ސިއްހީ މާހިރުން ވަނީ ލަފާކޮށްފަ އެވެ. މިފަހަކަށް އައިސް ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް ވަނީ ހަ މީހަކު ބަލީގައި މަރުވެފަ އެވެ.