ރިޔާޟް (މޭ 9) : މިއަހަރުގެ ޙައްޖުގެ އަޅުކަން ވެސް ކުރިޔަށް ގެންދާނީ މިދިޔަ އަހަރު އެޅިގޮތަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަން ޖެހޭ ހަރުކަށި ފިޔަވަޅުތައް އަޅައިގެން ކަމަށް ސައޫދީ އަރަބިޔާއިން ބުނެފި އެވެ.

ހައްޖާއި އުމުރާގެ އަޅުކަމާބެހޭ ސައޫދީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ހައްޖު މޫސުމުގައި ޙައްޖުގެ އަޅުކަން ކުރިޔަށްގެންދާނެ ކަމަށާ ނަމަވެސް އެކަން ކުރިޔަށް ގެންދާނީ ހައްޖުގައި ބައިވެރިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވާ ގޮތަށް އަދި މިދިޔަ އަހަރު އެޅިގޮތަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަން ޖެހޭ ހަރުކަށި ފިޔަވަޅުތައް އަޅައިގެން ކަމުގަ އެވެ.

މިދިޔަ އަހަރު ހައްޖުގެ އަޅުކަން ކުރިޔަށްގެންދިޔައީ އެހެން ގައުމުތަކުން އަންނަ މީހުން ނުހިމެނޭ ގޮތަށް ހަމައެކަނި ސައޫދީ ރައްޔިތުންނާ އެގައުމުގައި ދިރިއުޅޭ އެހެންގައުމުތަކުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން މަދު އަދަދެއްގެ މީހުންނަށް ބައިވެރިވެވޭ ގޮތަށެވެ. ނަމަވެސް މި އަހަރު އެހެންގައުމުތަކުން ހައްޖަށް ދިއުމަށް ފުރުސަތު ދިނުމާ ބެހޭ ގޮތުން ހައްޖާއި އުމުރާއާ ބެހޭ ސައޫދީ ވުޒާރާގެ ބަޔާނުގައި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ކޮވިޑް-19 އާ ދެކޮޅަށް އަޅަން ޖެހޭ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އަދި ކޮވިޑް ފެތުރުން މަނާކުރުމަށް ޓަކައި ހިފަހައްޓަން ޖެހޭ މިންގަނޑުތަކަށް ރިއާޔަތްކުރުމަށް ފަހު މި އަހަރުގެ ޙައްޖު މޫސުމުގައި އަޅާނެ ފިޔަވަޅުތަކާ އަދި އަމަލުކުރަން ޖެހޭ ގޮތްތައް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމުގަ އެވެ.

ސައޫދީ ވުޒާރާގެ ބަޔާން ބުނާ ގޮތުން ސައޫދީ ސަރުކާރުގެ ބޭނުމަކީ ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މައްކާގެ ޙަރަމްފުޅާ އަދި ހައްޖުގެ މަޝާއިރުތަކާއި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ (ސޢވ)ގެ މިސްކިތަށް ޒިޔާރަތްކުރާ މުސްލިމުންނަށް ޙައްޖާއި އުމުރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމެވެ. ނަމަވެސް މިއަޅުކަންތައް އަދާކުރުމަށް ފުރުސަތު ދިނުމުގައި ސައޫދީން އަބަދުވެސް އެންމެ ބޮޑަށް ބަލާނީ އެއަޅުކަންތައްތަކުގައި ބައިވެރިވާ މީހުންގެ ސިއްހަތާއި އެމީހުންނަށް ރައްކާތެރިކަމާއި އަމަންއަމަންކަން ދިނުމުގެ މާހައުލެއް ގާއިމް ކުރުމަށް ކަމަށް އެބަޔާން ބުނެ އެވެ.

ހައްޖަކީ އިސްލާމްދީނުގެ ރުކުންތަކުޔެ ތެރެއިން ފަސްވަނަ ރުކުނެވެ. އެއީ މާއްދީ ގޮތުންނާއި ސިއްޙީ ގޮތުން އެކަން އަދާކުރުމުގެ ގާބިލްކަމާއި ކެރިފޯރުން ހުރި ފަރާތްތަކަށް އުމުރުން އެއްފަހަރު އަދާކުރުން ވާޖިބު އަޅުކަމެކެވެ. ހައްޖާއި އުމުރާގެ އަޅުކަމާއި އިސްލާމް ދީނުގައި ހިމެނޭ އެނޫން އަޅުކަންތައް އަދާކުރުމުގައި ވެސް އިންސާނުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ކަމެއްކަމަށް ދީނީ އިލްމުވެރިން ވިދާޅުވެ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރުގެ ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަން އަދާކުރި އިރު ސައޫދީން ވަނީ ސިއްޙީ ރައްކާތެރި ކަމަށްޓަކައި ހަރުކަށި ފިޔަވަޅުތަކަކަށް އަމަލުކުރުމަށް ހައްޖުވެރިންނަށް މަޖްބޫރުކޮށްފަ އެވެ. އޭގެ ތެރޭގައި ގެފުޅުގައާއި ޙަޖަރުލް އަސްވަދުގައި އަތްލުން މަނާކުރުމާއި ހައްޖުވެރިން އެއްތަނަކަށް އެއްވެ ވާހަކަ ދެއްކުމާއި ބައްދަލުވުންތައް ބޭއްވުންފަދަ ކަންކަން މަނާކުރުން ހިމެނެ އެވެ.

މީގެ އިތުރުން ހައްޖާއި އުމުރާގެ ހުރިހާ އަޅުކަންތަކެއް އަދާކުރާއިރުވެސް އެކަކު އަނެކަކާ ދެމެދު ގައިދުރުކަން ބަހައްޓަން ލާޒިމް ކުރުމާއި ޖަމްރާތަކަށް ހިލަ އުކާއިރު ސްޓެރިލައިޒްކޮށް ޕެކެޓްކޮށްފައިވާ ހިލަނޫން އެހެން ހިލައެއް އުކުމާއި ގެންގުޅުން މަނާކުރުން ހިމެނެއެވެ. ސްޓެރިލައިޒްކޮށްފައިވާ ހިލައިގެ ޕެކެޓްތައް މުޒްދަލިފާގައި ރޭކުރާއިރު ހައްޖުވެރިންނަށް ލިބޭނެ އިންތިޒާމު ސައޫދީ ކަމާބެހޭ ފަރާތްތަކުންވަނީ ހަމަޖައްސާފައެވެ.

ހައްޖުގެ އަޅުކަމުގައި އެންމެ ބޮޑަށް މީހުން ތޮއްޖެހެނީ ޖަމްރާތަކަށް ހިލަ އުކާއިރުގައާއި ޖަމްރާތަކަށް ދާ ދަތުރުތަކުގައި ކަމަށްވާތީ މިދިޔައަހަރުގެ ހައްޖުގެ އަޅުކަން އަދާކުރިއިރު ސައޫދީން ވަނީ ޖަމްރާތަކަށް ހިލަ އުކުމަށްޓަކައި ކޮންމެ ހައްޖުވެރިއަކަށް ވެސް ވަކިވަގުތެއް ދީ އެވަގުތަށް އެމީހަކު ޖަމްރާތަކަށް ދާން ޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފަ އެވެ. އަދި އެއްވަގުތަކުން އެއްޖަމްރާއެއްގެ ކައިރީގައި ހިލައުކުމަށް (ޖަމްރާތަކުގެ އިމާރާތުގެ ކޮންމެ ބުރިއެއްގައިވެސް) 50 އަށް ވުރެގިނަ މީހުން ތިބުންވެސްވަނީ މަނާކޮށްފަ އެވެ.

ހިލަ އުކާއިރު ވެސް އެކަކުއަނެކަކާ ދެމެދު 1.5 މީޓަރުގެ ގައިދުރުކަމެއް ބެހެއްޓުމާއި ހައްޖުގެ އަޅުކަމުގައި އުޅޭ ހުރިހާ ވަގުތެއްގައި ވެސް މާސްކް އަޅައިގެން ތިބުން ހައްޖުވެރިންނަށްވަނީ މަޖްބޫރުކޮށްފަ އެވެ. އަދި ނަމާދުކުރާއިރުގައާއި ތަވާފް ކުރާއިރުގައާއި ސަޢްޔު ކުރާއިރުގައި ވެސް ގައިދުރުކަން ބެހެއްޓުން ވަނީ ލާޒިމްކޮށްފަ އެވެ.

(ސައޫދީ މީޑިއާ)