މިރޭ އާންމުކުރި ހިސާބުތައް ދައްކާގޮތުން 1091 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނި ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވީ 791 މީހުންނެވެ. އަދި އޭގެ ކުރިން ސާމްޕަލް ނަގާފައިވާ 300 މީހަކުވެސް ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހެމެނޭ ކަމަށް ބުންޏެވެ. ޖުމްލަ ކޭސްތައް 1091އަށް އަރަނީ އެހެންވެ އެވެ.

މިއަދު އިއުލާނު ކުރި 1091 ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން 933 ކޭސްއަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި ރަށްރަށުން 147 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. ދެން ހިމެނެނީ ރިޒޯޓުތަކުން ހަ މީހުންނާއި ލިވްއެބޯޑްތަކުން ތިން މީހުންނާއި ތަރައްގީ ކުރަމުންދާ ރަށްރަށުން ދެ މީހެކެވެ.

މިއަދުގެ ޕޮޒިޓިވް ކޭސްތަކާއެކު ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 9423އަށް އަރާފަ އެވެ. އަދި އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު ވަނީ 250އަށް އަރާފަ އެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވެފައި ވަނީ 84 މީހުންނެވެ. ކޭސްތައް އިތުރުވަމުންދާއިރު، ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި މަރުވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މިއަދު އެޗްޕީއޭއިން ބުނި ގޮތުގައި މިހާރު މާލޭ ސަރަަހައްދުގައި ނަގާ ކޮންމެ ފަސް ސާމްޕަލުން ތިން ސާމްޕަލެއް ޕޮޒިޓިވްވެ އެވެ. އަދި ފްލޫ ކްލިނިކްގެ ޕޮޒިޓިވްވާ މިންވަރު މިދިޔަ ދެ ހަފްތާ ތެރޭގައި ހަތަރު ގުނަ އިތުރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.