09 May 2021, 22:04
މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޓެސްޓުކުރަން ނަގާ ކޮންމެ ފަސް ސާމްޕަލް އަކުން ތިން ސާމްޕަލް ޕޮޒިޓިވްވެ، ފެންނަ ކޭސްތަކުގެ އަދަދު އިންތިހާއަށް މައްޗަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ހާމަ ކުރި ގޮތުގައި ކޮންމެ ހަފްތާއަކު ޕޮޒިޓިވްވާ އަދަދު ވަނީ 75 ޕަސެންޓް މައްޗަށް އަރައިފަ އެވެ. މިއީ ރާއްޖެއިން އެންމެ ފުރަތަމަ ބަލި ފެނުނު ފަހުން ބަލި ފެތުރޭ މިންވަރު އެންމެ ބޮޑަށް އިތުރުވި ފަހަރުކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ.
ރާއްޖޭއަށް މިހާރު ކޮވިޑް-19ގެ ހަތަރު ވަނަ ރާޅެއް ތަހައްމަލުކުރަންޖެހިފައިވާއިރު މިދިޔަ ހަފްތާ ތެރޭ އެކަނިވެސް ވަނީ 4،400 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ބަލީގެ އަދަދު މިދިޔަ ހަފްތާ ތެރޭ އެވަރެޖްކޮށް 600 ގައި ހުރި އިރު ރާއްޖޭގައި މިހާރު ބަލީގެ އާ ވޭރިއެންޓްއެއް އުޅޭކަމަށާއި، މިއީ މާ އަވަހަށް ފެތުރޭ މާ ނުރައްކާތެރި ވޭރިއެންޓްއެއް ކަމަށް ބައެއް ސިއްހީ މާހިރުން ވަނީ ލަފާކޮށްފަ އެވެ.
ފާއިތުވެދިޔަ ހަތް ދުވަހުގެ ކޭސްތައް:
- މޭ 8: 590 ކޭސް
- މޭ 7: 766 ކޭސް
- މޭ 6: 703 ކޭސް
- މޭ 5: 734 ކޭސް
- މޭ 4: 601 ކޭސް
- މޭ 3: 585 ކޭސް
- މޭ 2: 508 ކޭސް
އެޗްޕީއޭއިން އިތުރަށް ހާމަކުރި މައުލޫމާތުން ވަނީ ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުމުރުން 10 އަހަރުން ދަށުގެ 80 ވަރަކަށް ކުދިން ޕޮޒިޓިވްވަމުންދާކަންވެސް ދައްކުވައިދީފަ އެވެ. ވެކްސިން ޖަހަން ޝަރުތުހަމަނުވާ ކުޑަ ކުދިންނަށް ބަލީގެ ނުރައްކާ އިތުރުވެ އެވެ.
ފްލޫ ކްލިނިކަށް ޓެސްޓުކުރަންދާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ އަދަދުވެސް ހަތަރު ގުނަ އިތުރުވެފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
މިހާރު މާލެ ސަރަހައްދުގައި ގިނަ ވެފައިވާ ބަލީގެ އަދަދުތަކާއިއެކު ކޮވިޑަށް ފަރުވާ ދިނުމަށް ހާއްސަކުރެވިފައިވާ އެނދުތަކުގެ 80 އިންސައްތަ ވަނީ ފުރިފަ އެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި މި އަދަދު އިތުރުވެގެންދާނޭކަމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފަ އެވެ.
މިފަހަކަށް އައިސް ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދުވެސް ވަނީ އިތުރު ވެފަ އެވެ. އެގޮތުން މިހާތަނަށް ޖުމްލަ 84 މީހަކު މި ބަލީގައި މަރުވެފައިވާއިރު މޭ މަހުގެ ހަ ވަނަ ދުވަހު އެކަނިވެސް ވަނީ ހަ މީހަކު މަރުވެފަ އެވެ.
މާލެ ސަރަހައްދުން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަސް ތެރޭގަ އެވެ. އޭގެ ފަހުން މިހާތަނަށް ބަލީގެ ނުރައްކާ އެންމެ ބޮޑު ރާޅަކީ މިއެވެ.