ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު މޫމިނާ ހަސަންފުޅަށް ކޮވިޑް -19 ޖެހިގެން ފަރުވާ ދޭން ފަށައިފި އެވެ.

ރައީސް ސޯލިހުގެ މަންމާފުޅަށް ކޮވިޑް ޖެހިގެން ފަރުވާދޭކަން ރައީސް އޮފީހުގެ ތަރުޖާމު މަބްރޫކު އަޒީޒް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަމަނާއަށް ފަރުވާދެނީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.

ކޮވިޑް ޖެހިގެން ފަރުވާ ހޯއްދަވަމުންދާއިރު، މޫމިނާ ހަސަންފުޅަށް މިހާރު އުމުރުފުޅުން ވަނީ 77 އަހަރުވެފަ އެވެ.

އުމުރުން ދުވަސްވީ މީހުންނަށާއި ހައި ރިސްކު އެހެނިހެން މީހުންނަށް ކޮވިޑް ޖެހިގެން ފަރުވާ ދެނީ ހޮސްޕިޓަލުތަކުގަ އެވެ.

މީގެ ކުރިން ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ކޮވިޑްއަށް ޕޮޒިޓިވްވި އެވެ. ނަމަވެސް، އެކަމަނާ ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މިހާރަކަށް އައިސް މާލޭ ސަރަހައްދުގައި ކޮވިޑް ކޭސްތައް ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 8600އިން މައްޗަށް އަރާފަ އެވެ.