11 Feb 2012, 14:49
އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އޭޝިޔާ މިސްޓާ ރޮބަޓް ބްލޭކާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު ހެނދުނު ހިލާލީގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު މިދަނޑިވަޅުގައި އެންމެ ބޮޑު އަހަންމިއްޔަތެއް ދެއްވަނީ، ރާއްޖޭގައި އަމަން އަމާންކަން ޤާއިމް ކުރެއްވުމަށް ކަމުގައި ވިދާޅުވި އެވެ. އަދި ކެބިނެޓް އެކުލަވާލެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވަމުން، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމު ކުރެއްވުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެސޯސިއޭޓެޑް ޕްރެސް އިން މިއަދު ބުނި ގޮތުގައި ރޮބަޓް ބްލޭކް ކުރީގެ ރައީސް މުހައްމަދު ނަޝީދާ އަދި އިދިކޮޅު ލީޑަރުންނާ ވެސް ބައްދަލުކުރައްވާނެ އެވެ.
ނަޝީދު އިސްތިއުފާ ދެއްވީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަންދެން ކުރި މުޒާހަރާ އަށް ފަހު، ފުލުހުން ސިފައިންނާ ދެކޮޅަށް ކުރިމަތިލުންތަކެއް ހިނގައި، ހިނގި ކަންތައްތަކަށް ފަހު އެވެ.
ނަމަވެސް ނަޝީދު ފަހުން ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ މަޖުބޫރުކޮށްގެން ކަމަށެވެ.