ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރީ، މުޖާޒު އަހުމަދު، މއ. ފޭރުގެ 21އ. އާއި ތަހުމީން އަހުމަދު ފޮޅޭމާ، ގއ. ކޮނޑޭ، 32އ. އަދި ހިޔާ، ވ. ތިނަދޫ، އަދުހަމް އަހުމަދު ރަޝީދެވެ.

މިއަދު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އެ ތިން މީހުންގެ ބަންދު ޖަހަން ކޯޓަށް ގެންދިޔުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދަން 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

މުޖާޒް އާއި ތަހުމީން ހައްޔަރު ކުރީ އިއްޔެ އެވެ. އެ ދެ މީހުންނަކީވެސް ސީދާ ހަމަލާއާ ގުޅުންހުރި މީހުން ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންގެ ތެރެއިން ތަހުމީން އަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަދުހަމް ހޯދަމުން ދަނިކޮށް، މިއަދު އޭނާ ހައްޔަރު ކުރެވުނީ އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެންނެވެ. އަދުހަމް އަކީ ސީދާ ބޮން ގޮއްވާލި ރިމޯޓަށް ފިއްތާލި މީހާ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

ހައްޔަރު ކުރި ތިން މީހުންނަކީވެސް ކުށުގެ ރެކޯޑު އޮތް މީހުން ކަމަށް ފުލުހުން ބުންޏެވެ.