11 Feb 2012, 14:38
މިދިޔަ ބުދަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުންނާއި ސިފައިން މުޒާހަރާގެ ބައިވެރިނަށް އަނިޔާ ކޮށްފައިވާ ކަމަށްބުނާ މައްސަލަތަކެއް ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް މިއަދު ހުށަހަޅައިފި އެވެ.
އެޗްއާރްސީއެމްގެ މީޑިޔާ ކޯޑިނޭޓަރު އައިޝަތު ފަސޯހާ ވިދާޅުވީ މިދިއަ ބުދަ ދުވަހު އެމްއެމްއޭ ސަރަހައްދަށް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އެއްވެ އަޑު އުފުލަމުން ދަނިކޮށް ސިފައިނާއި ފުލުހުން އެ އެއްވުން ރޫޅާލުމުގައި އަނިޔާވެރި ގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ ގިނަ މައްސަލަތަކެއް އެ ކޮމިޝަނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
މިއަދު ހުށަހެޅި އެ މައްސަލަތަކުގެ ސީދާ އަދަދު ދަންނަވަން ދަތި ކަމަށް ވެސް ފަސޯހާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މައްސަލަތައް ހުށަހަޅާފައިވަނީ އަނިޔާކުރި ކަމަށް ބުނާ ފޮޓޯ އާއި ޑޮކްޓަރު ސެޓްފިކެޓް ފަދަ ބައެއް ޑޮކިއުމެންޓްތަކާއި އެކު ކަމަށާއި މައްސަލަތައް ހުށަހަޅާފައި ވަނީ އަނިޔާ ލިބުނު ކަމަށް ބުނާ މީހުން ވަކިވަކިން ކަމަށެވެ.
މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް މައްސަލަތައް އެ ކޮމިޝަނަށް ހުށަހަޅަމުންދިޔައިރު އެ ކޮމިޝަނުގެ ފަރާތަކުން ޑޮކްޓަރަކު ވެސް އިންނެވި އެވެ. އަދި މައްސަލަ ހުށަހެޅި މީހުން އެޗްއާރްސީއެމްގެ ޑޮކްޓަރަށް ދައްކަން ބޭނުންނަމަ އެ ފުރުސަތު ވެސް ދިނެވެ.
ކޮމިޝަނުން ބުނީ މިއަދު މައްސަލަތައް ހުށަހެޅި އިރު އެ ދުވަހުގެ ހަމަނުޖެހުންތަކުގައި އަނިޔާ ލިބިފައިވާނަމަ ފޯނު މެދުވެރިކޮށް ވެސް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށާއި ބައެއް ފަރާތްތަކުން އެސްއެމްއެސް މެދުވެރިކޮށް މައްސަލަ ހުށަހަޅަމުން އަންނަ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތެއްގެ ތެރެއިން ކަމަށް ބުނެ އެމްޑީޕީން ކުރި މުޒާހަރާއާ ގުޅިގެން 69 މީހަކު ފުލުހުން އެދުވަހު ހައްޔަރު ކުރި އެވެ. އެދުވަހު ގިނަ ބަޔަކަށް އަނިޔާވެ ހޮސްޕިޓަލުގައި ވަނީ ފަރުވާދީފަ އެވެ.