ކާފިއު ވަގުތު ގާތްވަމުން ދާތީ، ބުރާސްފަތި ދުވަހުގެ ރޭ ހަސަން ބަޝީރު (އަސްލު ނަމެއް ނޫން) ދިޔައީ ޖިމް ނިންމާލުމަށްފަހު ވިޔަފާރިކޮށްލައިގެން އަވަހަށް ގެއަށެވެ. ނީލޯފަރުމަގުން ވަދެގެން ގޮސް، އެ ގޯޅިގަނޑުގައި ހުރި ކަރަންޓު ފޮއްޓާ އަރާ ހަމަވިތަނާ އިވުނީ ބާރުގަދަ އަޑެކެވެ؛ އެއާއެކު އޭނާގެ ކަންފަތް ބައްވެ ޝޮކެއްގައި ފުރަތަމަ އިދެވުނީ އެވެ. ވާއެއް ނުވާއެއް ވެސް ނޭނގުނެވެ.

"ގޮވި ގަޑީގައި ފުރަތަމަ އިނީ ޝޮކެއްގައި. އެކަމަކު ދުވެފައި ދާން ބޭނުމެއްވެސް ނުވި. މީހާ އިންތަނަށް ހުއްޓުމެއް އެރީ ދެން ފެނުނީ ބައި ސްޓޭންޑާއެއް [ޒަހަމްވެފައިވާ މީހެއް]. ފަސްޓް އެއިޑް ޓްރޭނިން ހަދާފައި ހުރީމަ އެގޮތަށް ކަންތައް ކުރީ. ލޭ އަންނަތީ، މަނާ ނުވަތީވެ، ވިސްނުމެއް ނެތި އަވަހަށް ބެނިއަން އޮޅާލީ،" މިއީ މިދިޔަ ހަފްތާގައ ިރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މާލޭގައި ދިން ހަމަލާގެ ވަގުތުގައި ހާނީއްކަވި މީހަކަށް އެހީވުމަށް އަވަސްވެގަތް ޒުވާނާގެ ވާހަކައެވެ.

ދުއްވަން އިން ސައިކަލު ގޯޅި މެދުގައި ޕާކު ކޮށްފައި، ކޮނޑުގައި އޮތް ދަބަސްވެސް ގޯޅި އެއްފަރާތަށް އެއްލާލާފައި ބަޝީރު އަވަސްވެގަތީ ހަމަލާގައި އަނިޔާވި މީހުންނަށް އޭނާއަށް ވީ ވަރަކުން އެހީވުމަށެވެ.

"އޭރުވެސް ނޭނގޭ އަންނި [ރައީސް ނަޝީދު] ހުރީ ކިހާ ހިސާބެއްގައި ކަމެއް. މީހުން ހަޅޭލަވައިގަތް އަޑު އިވުނީ. ދެން އެ މިނިޓެއްހާއިރު ކަންފަތް ބައްވެފައި، ވާނުވާ ނޭނގި ދިޔަ ވަގުތުކޮޅެއް،"

އުމުރުން 26 އަހަރުގެ ބަޝީރުގެ އެވަގުތު ކޮޅު ކުރި އަވަސް ރިއެކްޝަނުން އާންމުންގެ ތައުރީފުވެސް އޭނާއަށް ދަނީ އޮހެމުންނެވެ.

"ކުޑަކޮށް ޝޮކެއްގައި ހުއްޓާ ދެން މީހަކު އަންނަނީ ހިނގާފައި އައިސް މަގުގެ އެއް ކައިރީ އިށީނދެގެން ފަޔަށް ބަލަން ހުރީ. އޭނަ ބުނީ ކޮއްކޮ ތިމަންނަ ފައިން ލޭ އަންނަނީއޭ،" ބަޝީރު ބުންޏެވެ.

ބަޝީރަށް ހޭވެރިކަން އައީ އެ ހިސާބުންނެވެ. ދެން އަވަހަށް ބެލީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ގޮތަކަށް އެހީތެރިވުމަށެވެ.

އޭރުވެސް ކަންފަތުގައި އަތް އަޅައިގެން ހުރެ ސައިކަލުން ފައިބައި، އެމީހާއަށް ވީ ގޮތެއް ބަލަން ބަޝީރު މަސައްކަތް ކުރި މަންޒަރު ވީޑިއޯއިން ފެނެ އެވެެ. ދެން ފެނުނީ ކޮޑުގައި އޮތް ދަބަސް އެއްލައިލާ، ލައިގެން ހުރި ކޮނޑުކެނޑި ބާލައި، އޭނާއަށް އެހީތެރިވި މަންޒަރެވެ.

"ފޯނު އަލިކޮށްލައި ބެލިއިރު، އޭނާގެ ކަނާތުފައިގެ ކުޑަވާ އިނގިލިން ލޭ އަންނަނީ. އެ ވަގުތު ތެރޭ އެވަރަށް ލޭ އަންނާތީ ވަގުތުން ބެނިއަން ބާލައި، ބެނިއަން އޯޅާލީ،" ފަސްޓް އެޑް ޓްރެއިންވެސް ހަދާފައިވާ ބަޝީރު ބުންޏެވެ.

އެ ހިސާބުން އޭނާގެ ބޮލަށް އެނބުރެމެއް އެރި އެވެ. އޭނާ ބުނި ގޮތުގައި ތިން ގަޑިއެއްހާއިރު ވަންދެން އެރޭ އޭނާގެ ބޮލުގެ ރިހުމެއް ނުކެނޑެ އެވެ.