ކޮވިޑް19 ގައި ރާއްޖެ އިން އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ އައިޖީއެމްއެޗު އީއާރަށް ގެންދިޔަ އުމުރުން 51 އަހަރުގެ ދިވެހި އަންހެނަކު ރޭ ފަތިހު 5:46 ހާއިރު މަރުވެފައިވާ ކަމަށެވެ. އަދި އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިއީ ރާއްޖެއިން ކޮވިޑުގައި މަރުވި 84 ވަނަ މީހާ އެވެ.

އިއްޔެ ވެސް ރާއްޖެއިން 590 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. ފާއިތުވި ދެތިން ދުވަހު މި އަދަދު ހުރީ 700 އިން މަތީގަ އެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުުންގެ ޖުމްލަ 34،724 އަށް އަރާފައިވާއިރު 25،992 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިވަގުތު 8،600 އަށްވުރެ ގިނަ މީހުން ބައްޔަށް ފަރުވާ ހޯދަމުންދާއިރު 230 މީހުން ތިބީ އެޑްމިޓް ކޮށްފަ އެވެ.

ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ ރާއްޖޭގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއްވެސް އަޅައިފަ އެވެ. މިފިޔަވަޅުތަކާއެކު މާލެ އާއި ބަލި ފެތުރޭ އެހެން ރަށްރަށުގައި ކާފިއު ހިންގާފައިވާއިރު ފިޔަވަޅުތަކާއެކު ވެސް ބަލި ފެތުރޭ މިންވަރު ކޮންޓްރޯލު ނުވާނަމަ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ދީފަ އެވެ.