އިސްރާއިލުން ފަލަސްތީނަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތައް ރާއްޖެއިން ކުށްވެރި ކޮށްފި އެވެ.

ހަމަލާތައް ކުށްވެރިކޮށް ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނީ ޝައިހް ޖައްރާގައި އުޅޭ ފަލަސްތީނުގެ އާއިލާތައް އެ ސަރަހައްދުން ގަދަކަމުން ނެރުން ކުށްވެރި ކުރާ ކަމަށެވެ. އަދި ބަރަކާތްތެރި ރަމަޟާން މަހު، އަލް އަގްސާ މިސްކިތުގައި މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ނަމާދަށް ތިއްބާ އިސްރާއިލުން ދެމުންދާ ހަމަލާތައް ވެސް ކުށްވެރި ކުރާ ކަމަށާއި ބައިނަލްއަގުވާމީ ގަވައިދުތަކާއި އދ.ގެ ސެކިޔުރިޓީ ކައުންސިލް އަދި ޖެނެރަލް އެސެމްބްލީގެ ގަރާރުތަކާ އިސްރާއިލުން ހިލާފުވެފައިވާ ކަމަށެވެ.

މެދުއިރުމަތީ ސުލްހަ ގާއިމު ކުރެވޭނީ އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، 1967ގައި ކަނޑައަޅާފައިވާ ބޯޑަރު އިންތަކާ އެއްގޮތަށް އިސްރާއިލާއި ފަލަސްތީނަކީ ވަކި މިނިވަން ދެ ދައުލަތް ކަމުގައި ކަނޑައަޅައިގެން ކަމަށް ވެސް ރާއްޖޭން ބުނެފައިވެ އެވެ.

ރާއްޖެ އޮތީ ފަލަސްތީނާއެކު ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެއިން އަބަދު ވެސް ވަކާލާތު ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

އިސްރާއީލުން ގުދްސުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އުދުވާންތަކެއް ހިންގަމުން ގެންދާތާ ހަފްތާތަކެއް ވެއްޖެ އެވެ. ރޯދަ މަހުގެ ފަހު ދިހައިގެ އަޅުކަމަށް މުސްލިމުންގެ ގިިނަ ބަޔަކު އަގްސާ މިސްކިތަށް ދާއިރު މިސްކިތުގައި އަޅުކަމުގައި ތިއްބާ އިސްރާއިލު ސިފައިން މިސްކިތު ތެރެއަށްވަދެ ވެސް ވަނީ ހަމަލާތައް ދީފަ އެވެ.