ގައުމީ ދިފާއީ ބާރުން ރިޝްވަތު ހިފިކަމަށް އެ މުއައްސަސާއަށް ނިސްބަތްކޮށް ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފި އެވެ.

" މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީބާރަށް އަމާޒުކޮށް، ރިޝްވަތު ހިފިކަމަށް ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަ ތަކެކެވެ. އަދި މިކަން ހަރުކަށި ޢިބާރާތުން ކުއްވެރި ކުރަމެވެ،" ގައުމީ ދިފާއީ ބާރު ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވެއެވެ.

ގައުމީ ދީފާއީ ބާރުން ބުނީ އެ މުއައްސަސާއަކީ ރާއްޖޭގެ ސަލާމަތާއި ރައްޔިތުންގެ ޙިމާޔަތާއި ޤާނޫނުއަސާސީ ދެމެހެއްޓުމުގައި ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ޤައުމަށް ޚިދުމަތް ކުރުންމަތީ ދެމިތިބި ބައެއްކަ ކަމަށެވެ. އަދި އެކަންކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސިފައިން ޔަގީން ކޮށްދޭ ކަމަށެވެ.

މީގެ އިތުރުން ސިފައިންގެ ތެރޭގައި ހަމަނުޖެހުންތައް ހިނގާ ކަމަށް ބުނެ ރޭ މާލެ ތެރޭގައި އެސްއެމްއެސްތަކެއް ފަތުރާފައިވާތީ އެކަން ވެސް އެމްއެންޑީއެފް އިން ވަނީ މިއަދު ހެނދުނު ދޮގުކޮށްފަ އެވެ. ބުނީ އައްޑޫން ހައްޔަރުކުރި މީހުން ކޯސްޓްގާޑަށް އަރުވައިގެން ކަނޑުމަތީގައި ތަޅައި މަރާކަމަށް ބުނެ ފަތުރާ އެސްއެމްއެސްތަކާއި ކަޅުތުއްކަލާގައި އާއި ބަންޑާރަކޮށީގައި ހަމަނުޖެހުންތަކެއް ހިނގާ ކަމަށް ބުނެ ފެތުރި އެސްއެމްއެސްތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ރާއްޖޭގައި ހިނގައިދިޔަ ދިގު ހަމަނުޖެހުންތަކަށް ފަހު މިދިއަ އަންގާރަ ދުވަހު ފުލުހުންނާއި ސިފައިން ގުޅި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލު ކޮށްލުމާއެކު ސިފައިންނަކީ ބާޣީން ކަމަށާއި ސިފައިން ގައުމަށް ގައްދާރުވެ ސަރުކާރު ބަދަލުކޮށްފައި ވަނީ ބޮޑެތި ވިޔަފާރިވެރިންގެ އަތުން ބޮޑެތި އަދަދުތަކުން ރިޝްވަތު ހިފައިގެން ކަމަށް ބުނެ އަޑުތައް ފަތުރާފައި ވެއެވެ.