ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ފެއިލްވުމާ ގުޅޭ ތަހުގީގެއް ހިންގުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިރޭ ނިންމައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް، ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން މިރޭ ވަނީ ބައްދަލުވުމެއް ބާއްވާ ނިންމުންތަކެއް ނިންމާފައެވެ.

އެ ނިންމުންތައް ހާމަކޮށް، އެ ކޮމިޓީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، "ދައުލަތުގެ ތިން ބާރުގެ ތެރެއިން، މަޖިލިސް ރައީސް، ރައީސް ނަޝީދަށް ސަލާމަތީ ހިދުމަތްތަކުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެމުން ދަނިކޮށް ރައްކާތެރިކަން ބްރީޗްވި ގޮތުގައި އިންކުއަރީއެއް ހެދުމަށް ކޮމިޓީން" ނިންމާފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާދިން ރޭ ދަންވަރުވެސް އެ ކޮމިޓީން ވަނީ ބައްދަލުވުމެއް ބާއްވާ ނިންމުންތަކެއް ނިންމާފައެވެ. އެގޮތުން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ހެކި ނައްތާލުމުގެ ކުރިން ހެކި ހޯދުމަށް ފުލުހުންނަށް ދެންނެވުމަށް ކޮމިޓީން އޮތީ ފާސްކޮށްފައެވެ.

ގާނޫނުއަސާސީގެ 241 ވަނަ މާއްދާގައިވާ ގޮތުން ރާއްޖޭގެ ސަލާމާތީ ހިދުމަތްތައް ކަމުގައިވާ ފުލުހުންނާއި ސިފައިންގެ މުއައްސަސާ ހިނގާ ނުހިނގާ ގޮތް ބެލުމަކީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ދުސްތޫރީ ޒިންމާއެކެވެ.

ރައީސް ނަޝީދު ފަދަ މަތީ ލެވެލްގެ މީހަކަށް އެހާ ފަސޭހައިން ހަމަލާ ދެވިފައިވާތީވެ، އެކަމުގައި ބައެއް އާންމުން ދަނީ ޝައްކުތައް ކުރިމަތި ކުރަމުންނެވެ. އެގޮތުން އެ ހަމަލާއާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްގެ އިންޓެލިޖެންސަށް އެ މައުލޫމާތު ލިބިފައި ނެތުމަކީ އެ ދެ އިދާރާގެ ފެއިލްވުމެއް ކަމަށް ތުހުމަތު ކުރެ އެވެ. އަދި އެފަދަކަމެއް ހިނގުމަކީ، އެމަނިކުފާނުގެ ސަލާމާތީކަންކަން ރަނގަޅަށް ނުބެލެހެއްޓުން ކަަމަށް އެމްޑީޕީގެ މެމްބަރުންވެސް އަންނަނީ ބުނަމުންނެވެ.

ބައެއް އާންމުން އެގޮތަށް ތުހުމަތު ކުރި ނަމަވެސް، އެމްއެންޑީއެފްގެ ވެރިޔާ އަދި މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް، އަބްދުﷲ ޝަމާލް ވިދާޅުވެފައިވަނީ، އެމަނިކުފާނަށް ސެކިއުރިޓީ ދެވިފައިވާ އެންމެ މަތީ ލެވެލްގައި ކަމަށެވެ. އަދި އެރޭ އެ އެމަނިކުފާނުގެ ބޯޑީގާޑުން ކުރެއްވި މަސައްކަތަކީ، ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ތައުރީފްކުރައްވާފައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ލިބުނު އަނިޔާތަކަށް އަދިވެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، އެ މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.