09 May 2021, 01:27
މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވެ، މާލެއިން ނަގާ ކޮންމެ ދެ ސާމްޕަލްއަކުން އެއް ސާމްޕަލް ޕޮޒިޓިވްވާން ފަށައިފި އެވެ.
މާލެ ސަރަހައްދުން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 439 މީހުންނެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު މިރޭ ވިދާޅުވީ 439 މީހުން ޕޮޒިޓިވްވެފައި ވަނީ މާލެެ ސަރަހައްދުން ނެގި 1177 ސާމްޕަލްގެ ތެރެއިންނެވެ. އެއީ ސާމްޕަލްތަކުގެ 37 ޕަސެންޓެވެ. އަދި ބައެއް ސާމްޕަލްތައް ސިސްޓަމަށް ނޭޅޭތީ މިއަދު ޕޮޒިޓިވްވީ މީހުންގެ އަދަދު ތިރި ކަމަށް ދެއްކި ނަމަވެސް އެއީ ހަގީގީ މަންޒަރު ނޫން ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި އަދިވެސް ސާމްޕަލް ނަގަނީ ހަމައެކަނި ފުލޫ ކްލިނިކުންނެވެ. ރެންޑޮމް ސާމްޕަލް ނަގާކަށް އަދިވެސް ނުފަށަ އެވެ. ޑރ އަހުމަދު ޝަހީދު ވިދާޅުވީ މާލެ ސަރަހައްދުގައި ބަލީގެ ނިޝާންތައް ހުރެގެން ޑޮކްޓަރަށް ދައްކާ މީހުންގެ ޕޮޒިޓިވްވީ ރޭޓް ހުރީ 19 ޕަސެންޓުގައި ކަމަށެވެ.
މިރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ އަހުމަދު ޝަހީދު ވިދާޅުވީ ނިމިދިޔަ ހަފްތާއަކީ ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ހަފްތާއަކަށް އެންމެ ގިނަ ކޭސްތައް ފެނުނު ހަފްތާ ކަމަށެވެ. ހަފްތާއެއްގެ ތެރޭގައި 3000 އަށްވުރެ ގިނަ ޕޮޒިޓިވް ކޭސް ފެނުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ އޭގެ ކުރީ ހަފްތާއަށްވުރެ 75 ޕަސެންޓް އިތުރު އަދަދެއް. އެހެންވީމަ ވަރަށް ބޮޑުތަނެއް ކުއްލިއަކަށް މިވަނީ މައްޗަށ ގޮސްފައި." ޑރ ޝަހީދު ވިދާޅުވި އެވެ.
މީގެ ކުރިން ހަފްތާއަކަށް ޕޮޒިޓިވިޓީ ރޭޓް އުޅެނީ 900 ގައި ކަމަށް އޭނާ ވިދާޅުވި އެވެ. މާލެ ސަރަހައްދަށް ބަލާއިރު ހަލުވިކަމާއެކު ކޮވިޑް ކޭސްތައް ފެތުރެމުންދާކަން ޑރ ޝަހީދު ފާހަގަ ކުރެއްވި އެވެ.
" ވަރަށް އަވަހަށް މިއަށްވުރެ ހަރުކަށި މޫވްމެންޓްސްތަކެއް ގެންނަން ޖެހޭ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ. މޫވްމެންޓް ރެސްޓްރިކްޝަންތަކާއެކުވެސް އަދަދުތައް މައްޗަށް ދިއުން ކޮންޓްރޯން ނުވާނަމަ އެކަށިގެންވޭ ހަމަ ލޮކްޑައުންއަކަށް ދާން ޖެހުންވެސް." ޑރ ޝަހީދު ވިދާޅުވި އެވެ.
މިހާރު ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ މީހުންގެ އަދަދު އުޅެނީ 8000 އިން މަތީގަ އެވެ. 230 މީހަކު ތިބީ އެޑްމިޓްކޮށްފަ އެވެ.