08 May 2021, 22:16
ވޭތުވެދިޔަ 24 ގަޑިއިރު ކޮވިޑް 19 އަށް 590 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ އިރުއޮއްސި 6:00 އިން މިއަދުގެ 6:00 އަށް ނެގި 4،014 ސާމްޕަލްއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 74 ޕަސަންޓް ޕޮޒިޓިވްވެފައިވަނީ މާލެ ސިޓީއިންނެވެެ. އެގޮތުން މާލެ ސިޓީން 439 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
އަތޮޅު ތެރެއިން 141 މީހަކު ޕޮޒިޓިވްވި އިރު، ރިސޯޓުތަކުން ނުވަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން ސަފާރީއަކުން އެކަކު ޕޮޒިޓިވްވެފައިވެެ އެވެ.
މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 600 އިން ތިރިވި އިރު، ވޭތުވެދިޔަ ހަތަރު ދުވަހުވެސް ރާއްޖޭގެ ކޭސްތައް ހުރީ 600 އިން މަތީގައެވެ.
މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭ ޖުމްލަ އަދަދު ވަނީ 34،724 އަށް އަރާފައެވެ. އޭގެ ތެރެއިން 25،992 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދިވެސް ބަލި ޖެހިފައި ތިބި 8،600 އަށްވުރެ ގިނަ މީހުން އެބަތިބި އެވެ. މިހާތަނަށް 83 މީހަކު ބަލި ޖެހިގެން މަރުވެފައިވެއެވެ.
މިވަގުތު އެޑްމިޓްކޮށްގެން ކޮވިޑަށް ފަރުވާ ދޭ މީހުންގެ އަދަދު އުޅެނީ 230 ގަ އެވެ.