މި މަހުގެ ހަ ވަނަ ދުވަހު ނީލޯފަރު ހިނގުމާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ދިން ހަމަލާގައި ގޮއްވާލި ސައިކަލުގެ އިންޖީނު ނަންބަރު ފޮހެލަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ ހަމަލާ އާއި ގުޅުން ހުރި މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އެ ސައިކަލުގެ އިންޖީނު ނަންބަރު ފޮހެލަން ވަނީ މަސައްކަތް ކޮށްފަ އެވެ.

ނަމަވެސް، ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓްގެ މަސައްކަތުން އެ ނަންބަރު ދެނެގަނެވިފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ. ހާދިސާގައި ގޮއްވާލާފައިވާ ސަައިކަލުގެ ރެޖިސްޓްރީ ނަންބަރަކީވެސް ސައްހަ ނަންބަރެއް ނޫނެވެ.

އެ ހާދިސާ އާއި ގުޅޭ ތިން މީހުންގެ ފޮޓޯ އާންމުކޮށް ދެ މީހެއްގެ ވަނަވަރުވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.ވަނަވަރު އާންމު ކުރި ދެ މީހުންނަކީ ކުށުގެ ރެކޯޑު އޮންނަ ދެމީހުން ކަމަށާއި އެމީހުންނަކީ ހަރުކަށި ފިކުރަށް ތަބައަވާ ނުވަތަ އެފަދަ ފިކުރަކަށް އެލައިންވާ ބަޔެއް ކަމަށް މިހާތަނަށް އެނގިފައިވާ ކަމަށެވެ.

މިއަދު ހައްޔަރު ކުރި ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ އެވެ. މީގެ ތެރެއިން މުޖާޒަކީ އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އާއި ސީދާ ގުޅުމެއް އޮތް މީހެއް ކަމަށް އޭސިޕީ ރިޔާޒު ވިދާޅުވިއެވެ. މީގެ ތެރެއިން ތަހުމީން އަހުމަދަކީ ސައިކަލުގެ ވެރިފަރާތް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިއްޔެ ބުނީ މައްސަލަ އާއި ގުޅުން ހުރި ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިއަދު ހައްޔަރު ކުރި ދެމީހުންނާއި ފޮޓޯ އާންމު ކުރި މީހާ އަކީ އެ ހަތަރު މީހުންގެ ތެރޭ ހިމެނޭ ބަޔެއް ކަމަށް އޭސީޕީ ރިޔާޒު ވިދާޅުވި އެވެ. ހަމަލާ ދިން ކަމަށް ބެލެވޭ، އަދި ފޮޓޯ އާންމު ކުރި މީހާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވަނީ އޭނާ އައި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެކަން ހިއްސާކޮށްދިނުމަށް އެދިފަ އެވެ.

މިއަދު ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެރޭ މަޖީދީމަގާއި ނީލޯފަރު ހިނގުން ގުޅޭ ސަރަހައްދުގައި ދިން ހަމަލާގެ ވީޑިއޯ ފޫޓޭޖެއްވެސް އާންމު ކޮށްފައެވެ. އެ ފޫޓޭޖުން ފެންނަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގެއިން ނިކުމެވަޑައިގެން ފައިމަގުގައި ހިންގަވައި މަޖީދީމަގުގައި ޕާކުކޮށްފައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރައި ވަޑައިގަންނަވަން ދަނިކޮށް ގޮވާއެތި ހަރުކޮށްފައި ހުރި ސައިކަލާ އަރާހަމަވީތަނާ އެ ސައިކަލު ގޮއްވާލާ ތަނެވެ. އޭރު އެ ސަރަހައްދުގައި އާންމުންގެ ގިނަ ބަޔަކުވެސް އުޅޭތަން ފެނެއެވެ.

ފުލުހުން ވަނީ އެ ހާދިސާ ހިނގި ވަގުތު އަދި އޭގެ ކުރިންވެސް އެ ސަރަހައްދުގައި ތިބި އާންމުންނަށް، ހަމަލާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި ޝައްކު ކުރެވޭ ކަމެއް ފާހަގަ ވާނަމަވެސް ހިއްސާ ކޮށްދިނުމަށް އެދިފައެވެ.