09 May 2021, 14:20
ގުދުސް (މެއި 8): ގުދުސްގައި އިއްޔެވެސް ފަލަސްތީނުގެ ރައްޔިތުންނާއި އިސްރާއީލުގެ ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގާ، ފަލަސްތީނުގެ 90 މީހަކަށް އަނިޔާވެއްޖެ އެވެ.
ގުދުސްގައި ރޭ ހަމަނުޖެހުންތައް ހިނގީ އަގްސާ މިސްކިތުގައި އެތައް ހާސް މީހުން ނަމާދު ކުރި ފަހުންނެވެ. އަދި ފުލުހުންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ކުރިމަތިލުންތައް ހިނގީ ގަދީމީ ޝަހަރުގެ ބޭރުގަ އެވެ.
އެ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ރައްޔިތުން ގާ އުކާ، ތަކެތީގައި ރޯކޮށްފައިވެ އެވެ. އަދި ރަޔޮޓް ގިޔަރުގައި ތިބި އިސްރާއީލްގެ ފުލުހުން ސްޓަން ގްރެނޭޑު އުކާ، ފެން ޖަހާފައިވެ އެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި އެ ކުރިމަތިލުންތަކުގައި 90 މީހަކަށް އަނިޔާވި އެވެ. އަދި އިސްރާއީލުން ބުނި ގޮތުގައި އެއް ފުލުހަކަށްވެސް އަނިޔާވެފައިވެ އެވެ.
މީގެ ކުރިން، މިދިޔަ ހުކުރު ދުވަހުގެ އަގްސާ މިސްކިތުގެ ތެރެއަށް އިސްރާއީލުގެ ފުލުހުން ވަދެ، ފަލަސްތީނުގެ ރައްޔިތުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގި އެވެ. އެ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 200 އަށް ވުރެ ގިނަ މީހުން ޒަހަމްވެ، އިސްރާއީލްގެ 17 ފުލުހަކަށް އަނިޔާވި އެވެ.
އެ ހަމަނުޖެހުންތައް ހިނގީ އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގެ ޝައިޚް ޖައްރާހް އަވަށުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންތަކެއް އެއަވަށުން ބޭރުކޮށް، ދުނިޔޭގެ އެކި ގައުމުތަކުން އިސްރާއީލަށް ހިޖުރަ ކުރާ ޔަހޫދީން އެއަވަށުގައި ވަޒަންވެރި ކުރުވަފާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އެފަދަ އަމަލަކާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ނުރުހުން ފާޅު ކުރަމުންދާތާ ދުވަސްތަކެއްވީ ފަހުންނެވެ.
އެގޮތުން ރޭގަ އާއި ހުކުރު ދުވަހުގެ ރޭވެސް އަގްސާ މިސްކިތުގައި ނަމާދު ކުރި ބައެއް މީހުން، ޝައިހް ޖައްރާހްއިން ފަލަސްތީނުގެ މީހުން ނެރުމާ ދެކޮޅަށް މުޒާހަރާ ކުރަން މަޑު ކުރި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ޝައިހް ޖައްރާހްގައި މިހާރު ދިރިއުޅެމުން ދަނީ 1948 ވަނަ އަހަރު އިސްރާއީލު އުފެދުމުން، އެބިން ދޫކޮށް ދާން ޖެހުނު ފަލަސްތީނުގެ ބައެއް އާއިލާތަކުގެ މެމްބަރުންނެވެ. އެ އާއިލާތަށް އެ ސަރަހައްދުގައި ވަޒަންވެރިވީ އިރުމަތީ ގުދުސް، އުރުދުންގެ ބާރުގެ ދަށުގައި އޮއްވަ އެވެ. އަދި އެ އާއިލާތަކަށް އޭރު ބިން މިލްކުވާ ގޮތަށް އޮތް ނަމަވެސް އެފަދަ އެއްބަސްވުމެއް ނެހެދެނީސް، 1967ގައި އިސްރާއީލުން އިރުމަތީ ގުދުސްގެ މައްޗަށް ވެރިވެގަތެވެ.
އޭގެ ފަހުން، ގުދުސްގައި ޔަހޫދީން ވަޒަންވެރި ކުރުމަށް ތާއިދު ކުރާ ޖަމިއްޔާތަކަކުން ވަނީ ޝައިހް ޖައްރާހު ނިސްބަތް ވަނީ ޔަހޫދީންނަށް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހަޅާ، އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާތައް ބޭރު ކުރުމަށް އެދިފަ އެވެ. އަދި މީގެ ކުރިން ބައެއް އާއިލާތައް އެމީހުންގެ ގެދޮރުން ނެރެފައިވެ އެވެ.
އެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހު އިސްރާއީލްގެ ޑިސްޓްރިކްޓު ކޯޓަކުން ވަނީ ޔަހޫދީ ވަޒަންވެރިންނަށް ޖާގަ ދިނުމަށް ފަލަސްތީނުގެ ހަ އާއިލާއެއް އެ ސަރަހައްދު ދޫކޮށް ދިޔުމަށް މިދިޔަ އާދިއްތަ ދުވަހާ ހަމަޔަށް މުހުލަތު ދީފަ އެވެ. އަދި އެމީހުންގެ ގެދޮރު ދޫކޮށް ދާން ބޭނުން ނޫން ނަމަ ޔަހޫދީންނަށް ކުލި ދެއްކުމަށް އެއްބަސްވުމެއް ހަދަން އަންގާފަ އެވެ. ނަމަވެސް ފަލަސްތީނުގެ އާއިލާތަކުން ވަނީ އެފަދަ އެއްބަސްވުމެއް ހެދުމަށް ދެކޮޅު ހަދާފަ އެވެ.
އެ މައްސަލައިގެ އެންމެ ފަހު ގޮތެއް އިސްރާއީލުގެ ސުޕްރީމް ކޯޓުން މާދަމާ ނިންމާނެ އެވެ. އަދި ފަލަސްތީނުގެ އާއިލާތަކަށް ޝައިހް ޖައްރާހު ދޫކޮށް ދާން އަންގާ، އެ އާއިލާތަކުން އެކަމަށް ދެކޮޅު ހަދައިފި ނަމަ، އިސްރާއީލުގެ ހަތިޔާރު އެޅި ފައުޖުތަކުން ގޮސް ގަދަ ބާރުން އެމީހުން ބޭރު ކުރާނެ އެވެ.