އިންޑިޔާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކާ ގުޅިގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެހި ޒުވާނަކު ބައިކިލޯ މަސްތުވާތަކެއްޗާ އެކު އިންޑިޔާ އިން ހައްޔަރުކޮށްފި އެވެ.

ޓްރެވިންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ އޮފިޝަލަކު ވިދާޅުވީ އެފަދަ މައްސަލައެއްގެ ތުހުމަތުގައި ބެންގަލޫރުން ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލް އޭނާ ނުދެއްވަ އެވެ.

ކްރިމިނަލް ރެކޯޑްސް އޮފް އިންޑިޔާގައި ބުނެފައިވާ ގޮތުގައި ނާކޮޓިކް ކްރައިމް ބްރާންޗުން މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދިވެއްސަކީ އަޒުހަދު މުހައްމަދު ޒަކަރިއްޔާ 24، އެވެ. އޭނާއާ އެކު އެމައްސަލާގައި ހައްޔަރުކުރި އަނެއް ދެ މީހުންނަކީ އެތަކެތި އަޒުހަދު މެދުވެރިކޮށް، ރާއްޖެއަށް އެތެރެކުރާ ބަންވާރީލާލް ނަންދާލާލް 42، އަދި ސެތަން ސެޒީނާ 39، ކަމަށެވެ.

މަސްތުވާތަކެއްޗާ އެކު ފުލުހުން މިތިން މީހުން އަތުލައިގެންފައިވަނީ ގާންދީ ނަގަރުގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރެއިންނެވެ.

ފުލުހުން އެމީހުންގެ އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮރިންގެ މަގުމަތީގެ އަގަށް 60 ލައްކަ އިންޑިޔަން ރުޕީސްއަށް އަރާ ކަމަށް އެ ނޫހުގައިވެ އެވެ.

މާލޭގެ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރަމުން އަންނަ އަޒުހަދު (ފޮޓޯގައި) މިމަހުގެ ހަ ވަނަ ދުވަހު އިންޑިޔާއަށް ދިޔައީ މާލެ އެތެރެކުރާ މަސްތުވާތަކެތީގެ ބަދަލުގައި އޭނާއަށް 25 ހާސް އިންޑިއަން ރުޕީސް ދޭނެ ކަމުގެ ޔަގީންކަން ސެޒީނާ، ރާއްޖޭގައި ހުންނަ އޭނާގެ ލޯކަލް އެޖެންޓެއް ކަމުގައިވާ އަމްޒަދު ނަމަކަށް ކިޔާ މީހަކަށް ދިނުމުން ކަމަށް އީޕޭޕާ،ޓައިމްސް އޮފް އިންޑިޔާޑޮޓް ކޮމްގައިވެ އެވެ. އަދި އަޒުހަދު ބަލާ ބެންގަލޫރުގެ އެއާޕޯޓަށް ދިޔައީވެސް ސެޒީނާ ކަމަށް ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ސެޒީނާ މާލެ އައިސް އަމްޒަދު ނަމަކަށް ކިޔާ ދިވެއްސަކާ ބައްދަލުކޮށް، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށްވެސް އެ ނޫހުގައިވެ އެވެ.

އަޒުހަދު އެކުމުގައި ތެރެއަށް ވަދެފައިވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން ކުއްޖާއަށް މަތީ ފެންވަރުގެ ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށް އެމައްސަަލަ ތަހުގީގު ކުރާ އޮފިޝަލަކާ ހަވާލާދީ އެނޫހުގައި ހިމަނާފައިވެ އެވެ. އަދި އެއަންހެން ކުއްޖާއާ ބެހޭ އިތުރު މައުލޫމާތުތައް ވެސް އެނޫހުގައި ހިމަނާފައިވެ އެވެ.

އިންޑިޔާގެ ފުލުހުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިމައްސަލާގައި އަތުލައިގެތް އިންޑިޔާގެ ދެމީހުންނަކީ މީގެކުރިންވެސް މަސްތުވާތަކެއްޗާއި ހިޔާނާތުގެ މައްސަލަތަކުގެ ކުށް ސާބިތުވެގެން ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ ދެމީހުންނެވެ.