08 May 2021, 17:12
ހިފާފައިވާ ގުދްސު (މޭ 8 ) : މި ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައި މާތްވެގެންވާ މަސްޖިދުލްއަގްސާގައި ނަމާދުކުރުމަށާއި އެނޫންވެސް އަޅުކަންތައް ކުރުމަށް ފަލަސްތީގެ އެތަށް ހާސްބަޔަކު ޖަމާވެފައިވަނިކޮށް އިސްރާއީލު ސިފައިން ރޭ މަސްޖިދުލްއަގްސާގެ އެތެރެއަށް ވަދެ ދިން ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 200 އަށް އަރާފައިވާ ކަމަށް ފަލަސްތީނުން ބުނެފިއެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓް ޖަމްއިއްޔާއިން ބުނިގޮތުގައި އިސްރާއީލުގެ ޙަމަލާތަކުގައި 200 އަށްވުރެ ގިނަމީހުން ޒަޚަމްވިއިރު އޭގެތެރެއިން 80 މީހުންނަށް ފަރުވާދިނުމަށް ހޮސްޕިޓަލްތަކަށްވަނީ ގެންގޮސްފައެވެ. އެނޫން މީހުންނަށް ފަރުވާދިނީ މަގުމަތީގައި ބާއްވައިގެންނެވެ.

އިސްރާއީލު ސިފައިން ގޭސްބޮމާއި ރަބަރު އުންޑައާއި ކަރުނަގޭހާއި ސްޓަންޓް ބޮމުން މަސްޖިދުލްއަގްސާއަށް ހަމަލާތައް ދެނީ
ފަލަސްތީނު ސަރުކާރު ބުނާގޮތުން އިސްރާއީލުގެ އިސްތިއްމާރީ ސިފައިން މަސްޖިދުލް އަޤްސާ އަށް ރޭ ކުއްލި ގޮތަކަށް ވަދެގަނެ ވަދެގަނެ އެތަނުގައި އެޅުކަންކުރަންތިބި ފަލަސްތީނު މީހުންނަށް ހަމަލާދިނީ ގޭސްބޮމާއި ސްޓަން ގްރެނޭޑް އާއި ކަރުނަ ގޭހާ އަދި ރަބަރު ވަޒަންވެސް ބޭނުންކޮށްގެން ވަރަށް ފުޅާ ދާއިރާއެއްގައެވެ.
މި ޙަމަލާތަކާއެކު ފަލަސްތީނުގެ ރައްޔިތުންނާއި އިސްރާއީލުގެ އިސްތިއުމާރީބާރުތަކާ ދެމެދު މަސްޖިދުލް އަޤްސާ ގެ ތެރޭގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގިއެވެ. އިސްރާއީލުންވަނީ މިކުރިމަތިލުންތަކުގައި އެގައުމުގެ ހައެއްކަ ސިފައިންވެސް ޒަޚަމްވި ކަމަށްބުނެފައެވެ.
މަސްޖިދުލް އަޤްސާ ގެ ތެރޭގައި އިސްރާއީލުގެ އިސްތިއްމާރީ ބާރުތަކުން ހިންގި މިއުދުވާނުގައި އިސްރާއީލު ސިފައިންވަނީ އަތުންނާ އަދި ބަޑީގެ ކޮޅުންނާ އަދި ކޮޅުފައިން ނަމާދުކުރަން ތިބި މީހުންނަށް ހަމަލާދީ އެމީހުން މިސްކިތުންވެސް ބޭރުކޮށްލާފައެވެ.

އިސްރާއީލު ސިފައިން ފަލަސްތީނު ކުއްޖެއްގެ ކަރުގައި ހިފައި އަނިޔާ ކުރަނީ
އިސްރާއީލުން ގުދްސުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އުދުވާންތަކެއް ހިންގަމުން ގެންދާތާ ހަފްތާތަކެއް ވެއްޖެއެވެ. ގުދުސުގައި ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ހިންގާ މިނިވަންކަމުގެ ހަރަކާތްތަކަކީ އިންތިފާޟާ އެއް ނުވަތަ އުތުރި އެރުމުގެ އަމަލެއްކަމަށް އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރެއްކަމަށްވާ އިހޫދު އޮލްމާޓް ވަނީ ސިފަކޮށްފައެވެ.
އިސްރާއީލުން ރޭ މަސްޖިދުލް އަޤްސާގައި އަޅުކަންކުރަންތިބި މީހުންނަށް ދިން އުވާނީ ހަމަލާތަކުގައި 200 އަށްވުރެ ގިނަ މީހުން ޒަޚަމްވުމުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުންވަނީ އިސްރާއީލާ ދެކޮޅަށް ހިންގާ މިނިވަންކަމުގެ ޖިހާދުގެ ހަރަކާތްތައް އިތުރުކޮށް އެ ހަމަލާތަކުގެ ބަދަލު ވޭންދެނިވި ގޮތަކަށް ހިފާނެކަމުގެ އިންޒާރު އިސްރާއީލުގެ ހަރުކަށިވެރިންނަށް ދީފައެވެ.

އިސްރާއީލުގެ ސިފައިން މަސްޖިދުލްއަގްސާއަށް ދީފައިވާ ގެއްލުންތައް
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާޢަތާއި އެނޫން ޖަމާއަތްތަކުން އިސްރާއީލުގެ މި އުދުވާނާ ގުޅިގެން ނެރުނު ބަޔާންތަކުގައި މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ހަރަމްފުޅު ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަގްސާއަށް އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ކެނޑިނޭޅި ހަމަލާތައް ދެމުންގެންދާއިރު އަރަބި ގިނަ ގައުމުތަކުގެ ލީޑަރުން ހިމޭނުން ތިއްބަވާ ތިއްބެވުންވަނީ ކުށްވެރި ކޮށްފައެވެ.
އިސްރާއީލުގެ އުދުވާން ކުށްވެރިކޮށް އަރަބި ބައެއް ގައުމުތަކުންނާއި އިސްލާމީ ބައެއް ގައުމުތަކުންވަނީ ބާޔަންތައް ނެރެފައެވެ. މީގެތެރޭގައި ތުރުކީ، މިސްރު، ޕާކިސްތާން، އީރާން، މެލޭޝިއާ، ގަތަރު، ކުވައިތު، އަލްޖަޒާއިރު ހިމެނެއެވެ. އިސްރާއީލާ ދެކޮޅަށް އެންމެ ހަރުކަށިކޮށް ބަޔާންތައް ނެރެފައިވަނީ ތުރުކީއާއި އީރާނުންނެވެ.
އީރާނުގެ ދީނި މުރުޝިދު އާޔަތުﷲ އަލީ ޚަމަނާއި ވަނީ އިސްރާއީލުގެ އިސްތިއުމާރާ އަނިޔާވެރިކަމާ ކުރިމަތިލުމަށްޓަކައި ފަލަސްތީނުގެ ހުރިހާ ރައްޔިތުން ހަތިޔާރުގެ ބޭނުންކޮށްގެން ޖިހާދު ފެށުމަށް ގޮވާލައްވާފައެވެ. މިޖިހާދުގައި އީރާނުން ފަލަސްތީނަށް އެހީތެރިވާނެކަމަށްވެސް ޚަމަނާއި ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ދާދިދަހުން އިސްރާއީލާ ގުޅުންތައް ގާއިމްކުރި އަރަބި ތިން ގައުމު ކަމަށްވާ ޔޫއޭއީ، ބަހްރައިން، އަދި ސޫދާނުން އިސްރާއީލުގެ އުދުވާން ކުށްވެރިކޮށްފައެއް ނުވެއެވެ. އަދި އިސްރާއީލާއެކު ސިއްރު ގުޅުންތަކެއް ބާއްވަމުން ގެންދާ ސައޫދީ އަރަބިޔާއިންވެސް މާބޮޑު އަޅާލުމެއް އަޅާލާފައެއް ނުވެއެވެ. ނަމަވެސް ސައޫދީ ޚާރިޖިއްޔާއިން ނެރުނު އާދައިގެ ބަޔާނެއްގައި ރޭގައި އިސްރާއީލު ސިފައިން ހިންގި އުދުވާން ކުށްވެރިކޮށްލާފައި ވެއެވެ.
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މަސްޖިދުލްއަގްސާއަށާއި އެތަނުގައި އަޅުކަންކުރާ ފަލަސްތީނު ރައްޔިތުންނަށާ އަދި ފަލަސްތީނުގެ ޣައްޒާއަށް ޙަމަލާދިނުން މިފަހަކަށް އައިސްވަނީ އާންމު ވެފައެވެ. ޚާއްސަކޮށް ކޮންމެ ރަމަޟާން މަހެއްގައި އިސްރާއީލުން ޣައްޒާއަށް ވައިގެ މަގުން ހަމަލާތައްދީ އުދުވާން ހިންގުމަކީ ރާވައިގެން ކުރާކަމެކެވެ.
މި ރަމަޟާން މަހުގެ ކުރީކޮޅުވެސް އިސްރާއީލުންވަނީ ޣައްޒާގެ އެތަށް ސަރަހައްދަކަށް ބޮން އަޅައި އުދުޥާން ހިންގާފައެވެ. އަދި ރަމަޟާންމަހު މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ހަމަލާދީ އެމިސްކިތުގައި އަޅުކަންކުރާ މީހުންނަށް ހުރަސްއަޅައި ބިރު ދައްކައި ކަރުނަ ގޭހާއި ރަބަރު އުންޑައާއި ގޭސް ބޮމުން ހަމަލާދިނުންވަނީ އާންމު ކަމަކަށްވެފައެވެ. އަދި ފަލަސްތީނުގެ ކުށެއްނެތް އާންމުންގެ ލާއޮހޮރުވުމަކީ އިސްރާއީލުން ސިލްސިލާގޮތެއްގައި ހިންގާ ޖަރީމާތަކެއްކަމަށްވަނީ ވެފައެވެ.