08 May 2021, 16:30
ބުރާސްފަތި ދުވަހުގެރޭ ދިން ހަމަލާ އާއި ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރު ފުލުހުން މިއަދު ހާމަކޮށްފި އެވެ.
ފުލުހުން މިއަދު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ކްރައިމް އެންޑް އިންވެސްޓިގޭޝަންސް ޑިޕާޓްމެންޓުގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އެ ދެމީހުންނަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑު އޮތް ދެ މީހުން ކަމަށެވެ.
ހައްޔަރު ކުރި ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21އ. އާއި ތަހުމީން އަހުމަދު ފޮޅޭމާ، ގއ. ކޮނޑޭ، 32އ. އެވެ. މީގެ ތެރެއިން މުޖާޒަކީ އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އާއި ސީދާ ގުޅުމެއް އޮތް މީހެއް ކަމަށް އޭސިޕީ ރިޔާޒު ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަކީ ހަރުކަށި ފިކުރު ގެންގުޅޭ ބައެއް ކަމަށާއި އެ މީހުންނަކީ މީހުން މަރަން ފަސް ނުޖެހޭނެ ފަދަ ނުރައްކާތެރި ފިކުރުގެ ބައެއް ކަމަށެވެ. ނަމަވެސް އެ މީހުން ނިސްބަތްވަނީ ހަރުކަށިކޮން ފިކުރަކާ ކަމެއް އަދި ދެނެނުގަނެވޭ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
ފުލުހުން އިއްޔެ ބުނީ މައްސަލަ އާއި ގުޅުން ހުރި ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިއަދު ހައްޔަރު ކުރި ދެމީހުންނާއި ހޯދަން ފޮޓޯ އާންމު ކުރި މީހާ އަކީ އެ ހަތަރު މީހުންގެ ތެރޭ ހިމެނޭ ބަޔެއް ކަމަށް އޭސީޕީ ރިޔާޒު ވިދާޅުވި އެވެ.
ފުލުހުން މިއަދުގެ ޕްރެސްގައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ މަޖީދީމަގާއި ނީލޯފަރު ހިނގުން ގުޅޭ ސަރަހައްދުގައި ދިން ހަމަލާގެ ވީޑިއޯ ފޫޓޭޖެއްވެސް އާންމު ކޮށްފަ އެވެ. އެ ފޫޓޭޖުން ފެންނަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގެއިން ނިކުމެވަޑައިގެން ފައިމަގުގައި ހިންގަވައި މަޖީދީމަގުގައި ޕާކުކޮށްފައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރައި ވަޑައިގަންނަވަން ގޮސް ގޮވާ އެތި ހަރުކޮށްފައި ހުރި ސައިކަލާ އަރާހަމަވީތަނާ އެ ދިމާލުން އެއްޗެއް ގޮވާތަނެެވެ. އޭރު އެ ސަރަހައްދުގައި އާންމުންގެ ގިނަ ބަޔަކުވެސް އުޅޭތަން ފެނެ އެވެ.
ފުލުހުން ވަނީ އެ ހާދިސާ ހިނގި ވަގުތު އަދި އޭގެ ކުރިންވެސް އެ ސަރަހައްދުގައި ތިބި އާންމުންނަށް، ހަމަލާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި ޝައްކު ކުރެވޭ ކަމެއް ފާހަގަ ވާނަމަވެސް ހިއްސާ ކޮށްދިނުމަށް އެދިފަ އެވެ.
ބުރާސްފަތި ދުވަހުގެރޭގެ ހަމަލާގައި ތުހުމަތުވާ އެންމެ ބޮޑު މިހާގެ ފޮޓޯ ފުލުހުން މިއަދު އާންމު ކުރި ނަމަވެސް، އޭނާގެ ވަނަވަރު ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު މިވަގުތު އޮންނެވީ އޭޑީކޭ ހޮސްޕިޓަލުގ ައެެވެ. ހޮސްޕިޓަލުން މިއަދު ވަނީ ރައީސް ނަޝީދަށް ލިބިވަައިގެންފައިވާ އަނިޔާ ތަކުގެ ތަފްސީލް ހާމަކޮށްފަ އެވެ.