08 May 2021, 15:30
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގައި ހަށިގަނޑުގެ އެތައް މިތަން ޒަހަމްވެ ލިބުނު އަނިޔާތަކަށް ފަހު ފުރާނަ ސަލާމަތް ކުރުމަށް ގާތްގަނޑަކަށް 16 ގަޑިއިރު ވަންދެން އޭޑީކޭގައި ކުރި އޮޕަރޭޝަންތަކަށް ފަހު އެމަނިކުފާނު ނޭވައްލައްވަމުން ގެންދެވީ އައިސީޔޫގައި ބާއްވައިގެން ލައިފް ސަޕޯޓުގެ އެހީގަ އެވެ. ހޭނައްތާފައި ބާއްވައިގެން ކުރި ސާޖަރީތަކަށް ފަހު މުޅި ގައުމުވެސް ހާސްކަމުގައި ތިބީ އެމަނިކުފާނުގެ ހާލާ މެދު ނޭވާ ހިފަހައްޓާލައިގެންނެވެ. އެ ހާސްކަމުން އާއިލާއަށް ވެސް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބުނު ވަގުތުކޮޅަކީ މިއަދެވެ.
އެމަނިކުފާނުގެ ހާލަތު މަޑުމަޑުން ރަނގަޅުވެ މިއަދު މެންދުރެއް ހާއިރު ލައިފް ސަޕޯޓުން ވަނީ ނަގައިފަ އެވެ. އެއާ އެކު ރައީސް ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅު އަދި އެއްބަނޑު އެއްބަފާ ބޭފުޅުންނާ ފުރަތަމަ ފަހަރަށް މިއަދު ބައްދަލުވި އެވެ. ރައީސް ނަޝީދުގެ ބޭބޭފުޅު ނާޝިދު ޓްވިޓާގައި ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ކުޑަކޮށް ވާހަކަފުޅު ދެއްކެވި އެވެ.
ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޝިދާ އަބްދުއްސައްތާރު ޓްވިޓާގައި އެ ވަގުތުކޮޅު ސިފަކުރައްވަމުން ވިދާޅުވީ މަންމަ އާއި ބައްޕަގެ އަރިހުގައި ރައީސް ނަޝީދު ވިދާޅުވީ "މަ ރަނގަޅޭ" ކަމަށެވެ.
ދެއްކެވި މަދު ވާހަކަތަކުގެ ކުޑަ ތަފްސީލް ދެއްވަމުން ބޭބޭފުޅު ނާޝިދު ވިދާޅުވި ގޮތުގައި ކުރިއަށް ވުރެ "ގަދަކޮށް އެނބުރި އަންނާނެ ކަމަށް" ވިދާޅުވި ކަމަށެވެ. އާއިލާގެ ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި މިދިޔަ ދެ ދުވަހެއްގެ ތެރޭގައި މިއީ އެބޭފުޅުންނަށް އައި ހިތްހަމަ ޖެހުމުގެ ވަގުތުކޮޅެވެ.
ލައިފް ސަޕޯޓާ ނުލާ ރައީސް ނަޝީދު މިހާރު ގެންދަވަނީ ނޭވާ ލައްވަމުންނެވެ. ބޮޑެތި ނުރައްކާތަކުން ސަލާމަތްވެ އެމަނިކުފާނުގެ ހާލު މިހާރު ސްޓޭބަލް އެވެ.
އެމަނިކުފާނަށް ފަރުވާ ދިން އޭޑީކޭއިން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެމަނިކުފާނުގެ ބޮލަށާއި މޭ ކަށިގަނޑަށާއި ފަޔަށާއި އަތަށް އަދި ބަނޑަށް ވެސް ވަނީ ފުން ޒަހަމްތަކެއްވެފަ އެވެ. ބޮން ހެދުމަށް ބޭނުންކޮށްފައި ހުރި ރޭޒާ ފުއްތަށް އެމަނިކުފާނުގެ ހަށިކޮޅު ފޫއަޅުއްވާލައި 11 ތަނެއް ޒަހަމްކޮށްލައި ހަށިގަނޑުގެ ތެރެއަށް ވަނެވެ. އެހަމަލާގައި އެމަނިކުފާނު ވަގުތުން ބިން މައްޗަށް ވެއްޓުނީ އެވެ.

ރަޢީސް ނަޝީދުގެ މަންމާފުޅު މިއަދު ރައީސް ނަޝީދަށް ޒިޔާރަތްކުރެއްވުމަށް ފަހު
އެ ނުރައްކާތެރި ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާދިން އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން މިއަދު ބުނި ގޮތުގައި މިވަގުތު ބޮޑެތި ނުރައްކާތަކުން ސަލާމަތް ވެފައި އޮތް ނަމަވެސް، ކުރިއަށް އޮތް ރިކަވަރީގެ މަގު އަދި ވަރަށް ވެސް ދިގެވެ. ސަބަބަކީ ބޮޑެތި އޮޕަރޭޝަންތަކެއް ކޮށްފައިވުމުން އިންފެކްޝަނެއް އުފެދުމުގެ ބިރު އޮތުމެވެ.
"ހުރިހާ ކަމެއް އަޅުގަނޑުމެން ހިތްހަމަޖެހޭ ވަރަށް ނޯމަލްވުމުން ދެން ސީސީޔޫ އިން އެހެން ތަނަކަށް ބަދަލުކޮށް، ޑިސްޗާޖް ޕްލޭން އަކަށް ވިސްނާނީ. އަދި ނެތް އެކަހަލަ އެއްވެސް ޕްލޭން އެއްނެތް،" އޭޑީކޭއިން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޑރ. ނިޔާފް ވިދާޅުވި އެވެ.