ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި މިހާރު ވާހަކަފުޅު ދެއްކެވޭ ކަމަށް އާއިލާ އިން ބުނެފި އެވެ.

ރައީސް ނަޝީދުގެެ އާއިލާގެ ބޭފުޅަކު ޓްވިޓާގައި ވިދާޅުވީ އެމަނިކުފާނުގެ ރިކަވަރީ އާމެދު ޑޮކްޓަރުންވެސް ތިއްބެވީ ހިތްހަމަޖެހިގެން ކަމަށެވެ.

"މިހާރު އޮންނެވީ ލައިފް ސަޕޯޓުން ނަގާފައި، އަމިއްލަ އަށް ނޭވާ ލެވޭ. އަޅުގަނޑާ ވެސް ވާހަކަ ދެއްކެވި. ވިދާޅުވީ ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި ވަޑައިގަންނަވާނެ ކަމަށް،"

ބުރާސްފަތި ދުވަހުގެރޭ ދިން ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކާ ގުޅިގެން ރައީސް ނަޝީދުގެ ސީރިއަސް ގިނަ އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުގައި ވަނީ ކޮށްފައެވެ. އަދި އޮޕަރޭޝަންތަކަށް ފަހު އެމަނިކުފާނު އޮންނެވީ ކްރިޓިކަލް ހާލަތުގައި، އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން އިއްޔެ ބުންޏެވެ.

އެ ހަމަލާ އާއި ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ވިދާޅުވީ އެހަމަލާއަކީ ރައީސް ނަޝީދުގެ ފުރާނަ ދުއްވާލަން ދިން ޓެރަރިސްޓު ހަމަލާއެއް ކަމަށެވެ. އަދި އެ ހަމަލާ ދިނުމުގައި ބައިވެރިކަމަށް ތުހުމަތުވާ ހަތަރު މީހަކު ފުލުހުންގެ ތަހުގީގަށް ފާހަގަވެ އެ މީހުން ހޯދާ ހައްޔަކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. މައްސަލައާ ގުޅޭ ދެ މީހަކު ފުލުހުން މިއަދު ވަނީ ހައްޔަރު ކޮށްފައެވެ.

އެ ހާދިސާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން ހިއްސާ ކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.