08 May 2021, 12:50
ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މާލެ އަދި ހުޅުމާލޭގެ ބައެއް ތަންތަން ބަލައި ފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ދެ މީހަކު ހައްޔަރުކުރިކަން ހާމަކުރި އިރު އަލިކިލެނގެފާނު މަގުގައި ހުންނަ ގ. ގަދަފެހިގެ ގޯޅި ތެރޭގަ އާއި ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ފުލުހުން ގެންދަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެހެން ނަމަވެސް މިއީ އެ ހަމަލާއާ ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އަލިކިލެނގެފާނު މަގުގައި ހިންގި އޮޕަރޭޝަންގައި ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އަރުވައިފަ އެވެ. އޭނާގެ މޫނު ހުރީ ނިވާކޮށްފަ އެވެ. އަދި އެ ގޯޅި ތެރެއިން ބައެއް ތަކެތި ވެސް ފުލުހުންގެ ވެހިކަލަށް އެރުވި އެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ހަމައެކަނި ބުނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާޔާ ގުޅިގެން ތުހުމަތުވާ ދެ މީހަކު ހައްޔަރުކުރިކަން އެކަންޏެވެ. އިތުރު މައުލޫމާތު މިއަދު ފުލުހުން ދޭ ނޫސްކޮންފަރެންސެއްގައި ހާމަކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުންގެ ނޫސްކޮންފަރެންސް އޮތީ މިއަދު ހަވީރު 4:00ގަ އެވެ. އެ ނޫސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވާ އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ރިޔާޒު އަދި ޕީޖީ ހުސެން ޝަމީމް ވެސް ބައިވެރިވާނެ ކަމަށް ފުލުހުން ބުންޏެވެ.