11 Feb 2012, 11:40
ޖެނުއަރީ 14 އިން، ފެބުރުއަރީ 8، 2012 އަށް ރާއްޖޭގައި ހިނގާފައިވާ ހުރިހާ ހަމަނުޖެހުންތަކުގެ ތަހުގީގެއް ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގައި ހިނގައިދިޔަ ކަންކަމުގައި ސުވާލު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި އެކަންކަމަކީ އެންމެ ދުވަހަކު ދެދުވަހަކުން ހިނގާފައިވާ ކަންކަން ނޫން ކަމަށެވެ. އަދި އެކަންކަމުގެ ފުރިހަމަ ހަގީގަތްތައް ހާމަކުރަން ތަހުގީގެއްކުރުމަށް ތައްޔާރުވާއިރު އެކަންކަމުގެ މައުލޫމާތު އެންމެ ފުރިހަމަގޮތުގައި ލިބިވަޑައގެންފައި ނެތްނަމަވެސް އެމަނިކުފާނު މަޝްވަރާކުރާފަރާތްތަކާއި މަޝްވަރާކުރެއްވުމަށް ފަހު ބަންޑާރަނައިބެއްގެ ލަފާޔާއި އެއްގޮތަށް އިތުރު ތަފްސީލުތައް ހާމަކުރަށްވާނެ ކަމަށެވެ.
"އެހެންވީމަ އެއަށްވުރެ އިތުރު ތަފްސީލެއް ދަންނަވަން އަޅުގަނޑަށް އަދި ދަތި. އެކަންކުރާނެ ގޮތާއި މެދު އެކިފަރާތްތަކައި މެދު ޖެހޭނީ މަޝްވަރާކުރަމުން. ތަހުގީގު ކުރާނެ ގޮތަކައި މެދު އަޅުގަނޑު މިދަނީ މަޝްވަރާކުރަމުން. ގާނުނޫ އަސާސީގައިވެސް އެބަހުރޭ އެކަން ތަހުގީގުކުރުމަށް ކަނޑއެޅިފައިވާ ގޮތަތަކެއް،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމުއްދަތުގެ ތަހުގީގު ހިންގާ އިރު ވަކިކަމެއް ކުރުމަށް ވަކިކަމެއް ނުކުރެއްވުމަށް އެމަނިކުފާނު ބާރު ނާޅުއްވާނެ ކަމަށާއި އެމަނިކުފާނު އިޝާރާތް ކުރައްވާ ތަހުގީގު ކުރިޔަށްދާނީ މިނިވަން މުސްތަގިއްލު ފަރާތަކުން ކަމަށެވެ. އަދި ތަހުގީގުކުރިއަށް ދާއިރު އެމަނިކުފާނު އެއްވެސް ކަމެއް ފޮރުވަން މަސައްކަތް ނުކުރައްވާނެ ކަމަށާއި ރިޔާސީ ކޮމިޝަނެއް އުފައްދައިގެން ތަހުގީގު ކުރުމަކީ އެމަނިކުފާނު ނުކުރައްވާނެ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ކުރީގެ ރައީސުންނަކީ އިހުތިރާމް ލިބިގެންވާ ގަދަރުވެރި ބައެއް ބޭފުޅުން ކަމަށެވެ. އަދި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބެހޭ ގޮތުން ވޮރަންޓެއް ނެރެފައި ވީ ނަމަވެސް އެމަނިކުފާނު ބަންދުކޮށްފައިވާ ބަހައްޓަން ގަސްދު ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް ރާއްޖޭން ބޭރަށް ވަޑައިގެންނެވެނީ މިހާރު ކުރިއަށްދާ ކަންކަން ނިމުމުން ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަށް ދޭންޖެހޭ ރައްކާތެރިކަން ފުރިހަމައަށް ދެއްވާނެ ކަމަށާއި އެހެން ނަމަވެސް އެރައްކާތެރިކަމުން ބޭރަށް ނުކުމެ ވަޑައިގެން ކަންކަން ކުރެއްވުން އެއީ ތަފާތު ކަމެއް ކަމަށެވެ
"ދިވެހި ރާއްޖޭގެ ވެރިކަން ކުރަށްވާފައި ތިއްބެވި ބޭފުޅުން ވާންވާނީ ވަރަށް އިއްޒަތްތެރި އަޅުގަނޑުމެން އިހުތިރާމް ކުރާ ބޭފުޅުންނަށް. ކިތަންމެ ކުރު މުއްދަތަކަށް އެކަން ކުރިނަމަވެސް އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އެބައޮތް. ރައީސް ނަޝީދަށް އަރުވަން ޖެހޭ ހިމާޔަތާއި ގަދަރު އެބޭފުޅާއަށް އަޅުގަނޑު އަރުވަނަމޭ،" ރައީސް ވިދާޅުވި އެވެ.
މާލޭގެ ހިނގާދިޔަ ކަންތައްތަކުގެ މައްޗަށް އަލިއަލުވާލައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވޭތުވެ ދިޔަ ދުވަސްތަކުގައި ގައުމުގެ ރައްޔިތުންނަށް ބޮޑެތި އަނިޔާތަކެއް ލިބުމަށްފަހު ގައުމުގެ ދިފާއީ ބާރުތަކުން އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލުމުގެ އިތުރުން ގައުމު ނުރައްކާތެރި ހާލަތަކަށް ވެއްޓި ބައެއް ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ގައުމުގެ ރައްޔިތުންގެ އަގުހުރި މުދާ ހަލާކުކޮށް އާއްމު ރައްޔިތުންނާއި ފުލުހުންނާއި ސިފައިންގެ ވަރަށް ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެމަނކިފާނު ދިވެހި ރައްޔިތުންނަށް ގޮވާލެއްވީ ވޭތުވެދިޔަ ތާނގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު މަގުމަތީގެ ހަލަބޮލިކަން ހުރިހާ ރައްޔިތުންވެސް ދޫކޮށްލައި "އަމާންކަމުގެ ސުވަރުގޭއެއްފަދަ ރާއްޖެ" އެ ނަމަށް އެނބުރި ދިއުމުގެ މަސައްކަތް ކޮށްދިނުމަށެވެ.
"އަޅުގަނޑު ގެ އެދުމަކީ ހުރިހާ ރައްޔިތުންވެސް ސިޔާސީ ޕާޓީތައް ވެސް ސިޔާސީ ލީޑަރުން ވެސް ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސްލަހަތައް ގައުމުގެ ހަމަޖެހުމަށް މަސައްކަތް ކޮށްދެއްވުން. ރާއްޖޭގެ މަގުތައް އަމާންތަނަކަށް ހައްދަވައި ދެއްވުން. ގައުމުގެ ރައްޔިތުންގެ މުދާ ރައްކާތެރި ކޮށްދެއްވުން. އަދި ކުރިއަށް ދިއުމުގައި ހަނގުރާމަކުރުމުގެ ރޫހު ދޫކޮށްލާ ހުރިހާ އެންމެން ވާހަކަ ދައްކައިގެން ކުރިއަށް ގެންދިއުމުގެ ރޫހު ހުރިހާ ބޭފުޅުން ވެސް ކުރިއަށް ގެންގޮސް ދެއްވުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާ ވެފައިވާ ގައުމަކަށްވާއިރު ބޭރުގެ ނޫސްތަކުގައި ފަލަ ސުރުހީތަކުގައި ރާއްޖޭގައި ތަޅާފޮލުމާއި ތަންތަން ރޯކުރުމުގެ ހަބަރުތަށް ތަކުރާރު ވާންވެއްޖެނަމަ ރާއްޖޭގެ އަމާންކަމުގެ ނަން އެހެން ގޮތަކަށް ބަދަލުވާން ގިނަ ދުވަހެއް ނުވާނެ ކަމަށެވެ. އަދި އެކަމުގެ އަސަރު ޓޫރިޒަމް ސިނާއަތަށް ކުރުމުގައި ލަހެއް ނުވާނެ ކަމަށެވެ.
"މިދަނޑިވަޅުގައި ދިވެހި އެންމެހާ ރައްޔިތުންނާއި ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ޔަގީންކުރާނެ ވާހަކަ ތިޔައެންމެހަ ރައްޔިތުންނަށް އަރުވަން،" ރައީސް ވިދާޅުވި އެވެ.
ވޭތުވެ ދިޔަ ސަރުކާރުން ފަށާފައިވާ އާސަންދަ އާއި ދުވަސްވީ މީހުންގެ އެލަވަންސާއި އެކަނިވެރި މައިގެންގެ އެލަވަންސާއި އެފަދަ ޕްރޮގްރަމްތައް ހުއްޓުމަކަށް ނުގެނެސް ރައްކާތެރިކަމާއި އެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
"އަދި ހަމައެހެން މަސްވެރިންނާއި ދަނޑުވެރިންގެ ސަބްސިޑީ ވެސް މާލިއްޔަތު ތަންދިން މިންވަރަކުން ކުރިއަށް ގެންދާނަން. ސިވިލް ސާވެންޓުންގެ މުސާރައިގެ ކަންކަމާ ބެހޭގޮތުން ވާނީ ކުރިން ދަންނަވާފައި. އަޅުގަނޑުގެ ސަރުކާރުގެ ލަފަޔާ އެކުގައި އަނބުރާ ގެނެސް އެފައިސާ ދިނުމަށް އަޅުގަނޑު ގޮތްތަކެއް ހަމަޖައްސާނަން،"
އެމަނިކުފާނު އަދި ވިދާޅުވީ ކުރީގެ ސަރުކާރުން ފަށާފައިވާ ހުރިހާ މަޝްރޫއުތަށް އެމަނިކުފާނުގެ ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމަށާއި އެފަދަ އެއްވެސް ތަރައްގީގެ މަޝްރޫއުއެއް ހުއްޓާނުލައްވާނެކަމަށެވެ. ނަމަވެސް ބޭއިންސާފުން ކުރީގެ ސަރުކާރުން އެއްވެސް ކަމެއް ކޮށްފައިވާނަމަ އެކަމެއް ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭރުގެ ފަރާތްކުން ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމަންޓުތައް ރައްކާތެރިކޮށްދެއްވާނެ ކަމަށް އެފަރާތްތަކަށް ގެރެންޓީ ކޮށްދެއްވާ ކަމާއި ސިޔާސީ ސަބަބަކަށްޓަކައި އެއްވެސް ވިޔަފާރިއަކަށް ގެއްލުންދީ ގޯނާ ނުކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ރައީސްކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ބައެއް ކަންކަންކުރުމުގައި އެމްޑީޕީގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ އަދި ސަރުކާރުގެ ތެރޭގައި ތިއްބެވި އެމްޑީޕީގެ ބޭފުޅުންގެ އެހީތެރިކަން ލިބިވަޑައިނުގަންނަވާތީ އަލުންބަލުން މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ.