ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ހެއްކާއި މައުލޫމާތު އޮންލައިންކޮށްވެސް ހިއްސާ ކުރެވޭނެެ ޕޯޓަލް އެއް ފުލުހުން ގާއިމް ކޮށްފި އެވެ.

ފުލުހުން ބުނީ އެ ހާދިސާ އާއި ގުޅުންހުރި އެއްވެސް ފޮޓޯއެއް، ވީޑިއޯ އެއް ނުވަތަ އެހެން ލިޔެކިޔުމެއް ނުވަތަ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުން ގާއިމްކޮށްފައިވާ އޮންލައިން ޕޯޓަލް u.police.mv/evidence މެދުވެރިކޮށް ހިއްސާ ކުރެވޭނެ ކަމަށެވެ.

އަދި މިގޮތަށް ހުށަހަޅާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓާ، މައުލޫމާތު ހިއްސާ ކުރާ މީހާގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

އެ ހާދިސާ އާއި ގުޅޭ މައުލޫމާތު އެނގޭނަމަ ފުލުހުންގެ ހޮޓްލައިން9704000 އަށް ގުޅައި ހިއްސާ ކުރުމަށްވެސް ފުލުހުން އެދެއެވެ.

ނީލޯފަރު ހިނގުން ސަރަހައްދުގައި ހިނގި އެ ހާދިސާ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ހާދިސާ އާއި ގުޅުން ހުރި ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށްވެސް އިއްޔެ ފުލުހުން ބުންޏެވެ. ނަމަވެސް ހާދިސާ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ހާދިސާ އާއި ގުޅުން ހުރި މީހެއް ކަމަށް ބުނާ މީހެއްގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާ ގައި ރޭ އާންމުވެފައިވާއިރު އެކަމާ ގުޅޭގޮތުން ފުލުހުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.