ޖެނީވާ (މެއި 8): ޗައިނާގެ ދައުލަތުގެ ކުންފުނި ސައިނޯފާމްއިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން ބޭނުން ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ހުއްދަ ދީފި އެވެ.

ޑަބްލިޔުއެޗްއޯއިން މީގެ ކުރިން ހުއްދަ ދީފައިވާ ކޮވިޑް ވެކްސިންތަކަކީ ފައިޒާ، އެސްޓްރާޒެނެކާ، ޖޯންސަން އެންޑް ޖޯންސަން އަދި މޮޑާނާގެ ވެކްސިނެވެ. އެހެންކަމުން ސައިނޯފާމް އަކީ އެ ޖަމިއްޔާއިން ހުއްދަ ދިން، ހުޅަނގުގެ ގައުމަކަށް ނިސްބަތް ނުވާ ފުރަތަމަ ވެކްސިން އެވެ.

ޑަބްލިޔުއެޗްއޯއިން އިއްޔެ ބުނި ގޮތުގައި އެ ޖަމިއްޔާއިން ވަނީ ސައިނޯފާމް ވެކްސިންގެ ރައްކާތެރިކަމާއި ބައްޔާ ދެކޮޅަށް މަސައްކަތް ކުރާ މިންވަރާއި އޭގެ ކޮލިޓީ ރަނގަޅު ކަމަށް ނިންމާފަ އެވެ. އަދި އެ ވެކްސިންއަށް ހުއްދަ ދިނުމުން ކޮވިޑް ވެކްސިން ބޭނުންވެފައިވާ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް އަވަސްވެގެން ދާނެ އެވެ.

މީގެ އިތުރުން ޗައިނާގެ އެހެން ކުންފުންޏެއް ކަމަށްވާ ސައިނޯވެކްއިން އުފައްދާފައިވާ ވެކްސިންއަށް ހުއްދަ ދިނުމާ ބެހޭ ގޮތުން ޑަބްލިޔުއެޗްއޯއިން ކުރިއަށް އޮތް ދުވަސްތަކުގައި ގޮތެއް ނިންމާނެ އެވެ. އަދި އެ ޖަމިއްޔާއިން ދަނީ ރަޝިއާއިން އުފައްދާފައިވާ ސްޕަޓްނިކް ފަހެއް ވެކްސިންއަށް ހުއްދަ ދިނުމާ ބެހޭ ގޮތުންވެސް ގޮތެއް ނިންމަމުންނެވެ.

ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި ކޮވިޑްގެ އަލާމާތްތައް ފެންނަ ކޭސްތަކާއި އެޑްމިޓު ކުރަން ޖެހޭ ކޭސްތައް ހުއްޓުވުމުގައި އެ ވެކްސިން 79 ޕަސެންޓު ކާމިޔާބެވެ. އަދި އެ ވެކްސިންގެ ޓެސްޓުތަކުގައި ބައިވެރިވި 60 އަަހަރުން މަތީގެ މީހުންގެ އަދަދު މަދު ނަމަވެސް، އެ އުމުރުފުރާގެ މީހުންނަށް ވެކްސިން ދިނުމުންވެސް ނަތީޖާ ތަފާތު ވާނެ ކަމަށް ނުބެލެވެ އެވެ.

ޑަބްލިޔުއެޗްއޯއިން ސައިނޯފާމް ވެކްސިން ބޭނުން ކުރަން ހުއްދަ ދިނުމުގެ ކުރިން އޭޝިއާ، އެފްރިކާ އަދި ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުން އެ ވެކްސިން އެގައުމުތަކުގައި ޖަހަން ހުއްދަ ދީފައިވެ އެވެ. އަދި އެ ވެކްސިންގެ 65 މިލިއަނަށް ވުރެ ގިނަ ޑޯޒް މިހާތަނަށް ޖަހާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޑަބްލިޔުއެޗްއޯގެ ހުއްދައާ އެކު އެހެން ގައުމުތަކުން ސައިނޯފާމް ވެކްސިން ޖަހަން ހުއްދަ ދިނުމުގެ މަރުހަލާތައް އަވަސް ވެގެން ދާނެ އެވެ. އަދި ދުނިޔޭގެ ގައުމުތަކަށް ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށްދޭން މަސައްކަތް ކުރާ ކޮވެކްސް ޕްރޮގްރާމްގައި އެ ވެކްސިން ބޭނުން ކުރެވޭނެ އެވެ.