08 May 2021, 00:51
ކޮވިޑް 19 ޖެހިގެން މިއަދު އަނެއްކާވެސް މީހަކު މަރުވެއްޖެ އެވެ. އެއީ މިއަދު ކޮވިޑަށް ޕޮޒިޓިވްވެގެން މަރުވި ހަތަރު ވަނަ މީހާ އެވެ.
އެޗްޕީއޭއިން ބުނީ މިރޭ މަރުވެފައިވަނީ 83 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާއަކީ މިރޭ އައިޖީއެމްޗުގެ އެމަޖެންސީ ރޫމަށް ގެންދުވުނު މީހަކަށް ކަމަށާއި ގެންދެވުނު އިރުވެސް އޭނާ މަރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. މަރުވެފައި ވަނީ މިރޭ 23:15 ގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ ކޮވިޑަށް ހާއްސަ ޔުނިޓް، ޑީއެޗް-11ގައި ފަރުވާ ދެމުން ދިޔަ 81 އަހަރުގެ ދިވެހި އަންހެނަކު މިއަދު މެންދުރު ވަނީ މަރުވެފަ އެވެ. ގައިވެސް ކ. މާފުށީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ ބަންގުލަދޭޝްގެ މީހަކު ވަނީ މަރުވެފަ އެވެ. އަދި ރޭ ދަންވަރު 3:47ގައި ޑީއެޗް-11ގައި ފަރުވާ ދެމުން ދިޔަ އިންޑިއާގެ 60 އަހަރުގެ ފިރިހެނަކުވެސް ވަނީ މަރުވެފަ އެވެ.
ކޮވިޑް ކޭސްތައް ގިނަވުމާއެކު ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އިއްޔެވެސް ވަނީ ފަސް މީހަކު ކޮވިޑް ޖެހިގެން މަރުވެފަ އެވެ.
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު އުޅެނީ 766 ގަ އެވެ. އެއީ މާލެ ސަރަހައްދުން 571 މީހަކާއި ރަށްރަށުން 171 މީހެކެވެ. އަދި ރިސޯޓުތަކުން 23 މީހެކެވެ.
ކޮވިޑަށް ޕޮޒިޓިވްވެގެން 205 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި މިވަގުތު ކޮވިޑް ޖެހިފައިވާ 8261 މީހަކު އެބަތިއްބެވެ.