11 Feb 2012, 11:06
އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މރ. ޖޯން ރޭންކިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އާއި ބައްދަލުކުރައްވައިފިއެވެ. އިނގިރޭސި ހައިކޮމިޝަނަރާ، ފުލުސް ކޮމިޝަނަރު ރިޔާޒު ބައްދަލު ކުރެއްވެވީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ މައި މަރުކަޒުގަ އެވެ.
ބައްދަލުވުމުގައި މިހާރު ރާއްޖޭގެ ހާލަތާއި ބެހޭގޮތުން ފުލުހުންގެ ފަރާތުން އިނގިރޭސި ހައިކޮމިޝަނަރު ވަނީ މައުލޫމާތު ހޯއްދަވާ ރާއްޖޭގައި ހިނގަމުންދާ ހަމނުޖެހުންތައް ހައްލުކުރަން ފުލުހުން ކުރާ މަސައްކަތްތައް އޮޅުން ފިލުއްވެވި އެވެ.
ހައިކޮމިޝަނަރު ޖޯން ރޭންކިން ވިދާޅުވީ ދިވެހި ފުލުހުންނަކީ އިނގިރޭސި ވިލާތާއި ވަރަށް ގާތްގުޅުމެއް ބާއްވާ މުއައްސަސާއެއް ކަމަށާއި އެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ މަސައްކަތަށް އޭނާގެ އޮފީހުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ކޮމިޝަނާ ރިޔާޒު ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅިގެން ފުލުހުން ވަރަށް ބުރަ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށާއި ފުލުހުންގެ އެ މަސައްކަތްތައް ކުރަނީ ޕްރޮފެޝަނަލްކޮށް ކަމަށެވެ.