08 May 2021, 00:13
ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން އިންތިހާއަށް އިތުރުވެފައިވާއިރު، ބަލި ޖެހޭ ކުޑަކުދިންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ މިހާރު ދުވާލެއްގެ މައްޗަށް ގާތްގަނަޑަކަށް 70 ނުވަތަ 80 ވަރަކަށް ކުދިން ކޮވިޑަށް ޕޮޒިޓިވްވަމުން އަންނަ ކަމަށެވެ.
އެޗްޕީއޭ އިން ހިއްސާކުރި ވީޑިއޯ މެސެޖެއްގައި، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ޕޮޒިޓިވްވާ ކުދިންގެ ތެރޭގައި، ކޮންމެ ދުވަހަކު ވެސް އެއް އަހަރުން ދަށުގެ ހަތަރެއް ނުވަތަ ފަސް ކުދިން ހިމެނޭ ކަމަށެވެ.
"ބޮޑެތި މީހުންނާ އަޅާބަލާއިރު ކުޑަކުދިން ސީރިއަސް ވުމުގެ ފުުރުސަތު ދަށް ކަމަށް ވިޔަސް، މީ ނުވާނެ ކަމެކޭ އަޅުގަނޑުމެންނަކަށް ނުބުނެވޭނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެހެންކަމުން ދަރިންގެ ރައްކަލަށްޓަކައި، ހުރިހާ އެންމެން ވެސް ގޭގައި މަޑުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޑރ. ނަޒްލާ އިލްތިމާސްކުރެއްވި އެވެ.
ކުޑަކުދިންނަށް ބަލި ޖެހޭ މިންވަރު އިތުރުވެފައިވާއިރު، ބަލިން ރައްކާތެރިވުމަށް ދޭ ވެކްސިން ކުޑަކުދިންނަކަށް ނުދެވެ އެވެ.
ރާއްޖޭގައި ވަރަށް ހަލުވި ކަމާއެކު ކޮވިޑް އަންނަނީ ފެތުރެމުންނެވެ. އަދި ބަލީގައި ފާއިތުވި 48 ގަޑިއިރު ތެރޭ އަށް މީހަކު މަރުވެފައި ވާއިރު، 200 އަށް ވުރެ ގިނަ މީހުން އެޑްމިޓްކޮށް އަންނަނީ ފަރުވާ ދެމުންނެވެ.
ބަލި ކޮންޓްރޯލް ކުރަން އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމަކީ މުހިންމު ކަމަކަށްވާއިރު، ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 300،438 މީހުންނެވެ. އަދި އޭގެ ތެރެއިން ދެވަނަ ޑޯޒު ޖަހައި، ވެކްސިން ފުރިހަމަކޮށްފައިވަނީ 126،438 މީހުންނެވެ.
މިއަދު އެކަނިވެސް 766 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދަކީ 8،261 އެވެ. އަދި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 34،134 އަށް ވަނީ އަރާފަ އެވެ.
ރާއްޖޭގައި މިވަގުތު އުޅެނީ ކޮވިޑް19 އާ ސްޓްރެއިން އެއް ކަމަށް އައިޖީއެމްއެޗުގެ ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރޭޓަރީ މެޑިސިންގެ ޑޮކްޓަރު، މުހައްމަދު އަލީ ވަނީ ވިދާޅުވެފަ އެވެ.