07 May 2021, 23:36
ރާއްޖޭގައި މިވަގުތު އުޅެނީ ކޮވިޑް19 އާ ސްޓްރެއިން އެއް ކަމަށް އައިޖީއެމްއެޗުގެ ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރޭޓަރީ މެޑިސިންގެ ޑޮކްޓަރު، މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ވަރަށް ހަލުވި ކަމާއެކު ކޮވިޑް އަންނަނީ ފެތުރެމުންނެވެ. އަދި ބަލީގައި ފާއިތުވި 48 ގަޑިއިރު ތެރޭ އަށް މީހަކު މަރުވެފައި ވާއިރު، 200 އަށް ވުރެ ގިނަ މީހުން އެޑްމިޓްކޮށް އަންނަނީ ފަރުވާ ދެމުންނެވެ.
ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އާ ސްޓްރެއިން އެއް އުޅެނީ ކަމަށް ވަރަށް ބޮޑަށް ޔަގީން ކަމަށެވެ. އަދި އާ ސްޓްރެއިން މާބޮޑަށް ނުރައްކާ ކަމަށާއި، ފުއްޕާމެއަށް ވަރަށް ބޮޑަށް ގެއްލުންދޭ ކަމަށެވެ.
އެހެންކަމުން ކޮންމެ މީހަކު ވެސް ދުއާކޮށް، އެމީހެއްގެ ކޮންޓެކްޓް ބަބުލް ކުޑަ ކުރުމަށާއި، ރަނގަޅަށް މާސްކް އެޅުމަށާއި، އަތް ދޮވުމަށް ޑޮކްޓަރު ވަނީ އިލްތިމާސްކުރައްވައިފަ އެވެ.
ރާއްޖޭގައި ކޮވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާނަމަ، ރާއްޖޭގައި މި ބަލީގައި އާ ވޭރިއެންޓެއް އުފެދުމަކީ ވަރަށް ގާތް ކަމެއް ކަމަށް އެޗްއީއޯސީއިން މީގެކުރިން ވަނީ ބުނެފަ އެވެ.
ބަލި ކޮންޓްރޯލް ކުރަން އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމަކީ މުހިންމު ކަމަކަށްވާއިރު، ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 300،438 މީހުންނެވެ. އަދި އޭގެ ތެރެއިން ދެވަނަ ޑޯޒު ޖަހައި، ވެކްސިން ފުރިހަމަކޮށްފައިވަނީ 126،438 މީހުންނެވެ.
މިއަދު އެކަނިވެސް 766 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދަކީ 8،261 އެވެ. އަދި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 34،134 އަށް ވަނީ އަރާފަ އެވެ.