07 May 2021, 22:44
ރާއްޖެއިން ރެކޯޑު އަދަދަކަށް މިއަދުވެސް މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު އެކަނި 766 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 571 މީހުންނާއި އަތޮޅުތަކުން 171 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 23 މީހުންނާއި ސިނާއީ ރަށްރަށުން އެއް މީހެކެވެެ.
މިއާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 34،134އަށް ވަނީ އަރާފަ އެވެ.
އެކްޓިވް ކޭސްތައް 8،261 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 205 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ. ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 25،782 އެވެ. އަދި މި ބަލީގައި މިހާތަނަށް 82 މީހުން ރާއްޖެއިން ވަނީ މަރުވެފަ އެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވި އިރު، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެކަނި އަށް މީހަކު ވަނީ މަރުވެފަ އެވެ.
ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 300،438 މީހުންނެވެ. އަދި އޭގެ ތެރެއިން ދެވަނަ ޑޯޒު ޖަހައި، ވެކްސިން ފުރިހަމަކޮށްފައިވަނީ 126،438 މީހުންނެވެ.