07 May 2021, 21:38
ހިފާފައިވާ ގުދްސު (މޭ 7) : އިސްރާއީލުން ފަލަސްތީނުގެ ދެ ޒުވާނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައި ފަލަސްތީނުގެ އިތުރު ޒުވާނަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފި އެވެ.
އިސްރާއީލުގެ ސިފައިން ބުނިގޮތުގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރަށެއްކަމަށްވާ ޖެނީން ގެ އަސްކަރީ ޗެކްޕޮއިންޓެއްގެ ކައިރީގައި ފަލަސްތީނުގެ ތިން މީހެއްގެ ގަޔަށް ބަޑިޖަހައި އޭގެތެރެއިން ދެމީހުން މަރާލުމަށް ފަހު ތިންވަނަ މީހާ ވާނީ ވަރަށްބޮޑަށް ޒަޚަމްކޮށްލައިފަ އެވެ. އެތިން މީހުންގެ ގަޔަށް ބަޑިޖެހީ އެމީހުން އިސްރާއީލު ސިފައިންނަށް ހަމަލާދީފާނެކަމަށް ޝައްކު ކުރެވިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށްބުނެ އިސްރާއީލުންވަނީ މިޖަރީމާ ދިފާއުކޮށްފަ އެވެ. މިއީ ފަލަސްތީނުގެ ރައްޔިތުން މެރުމުގެ ބަހަނާއެއްގެ ގޮތުގައި އިސްރާއީލުން އަބަދުވެސް ބޭނުންކުރާ އިބާރާތެކެވެ.
މި ދެ ޒުވާނުން ޝަހީދުކޮށްލުމާ އެކު މި ރަމަޟާން މަހުގައި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުންގެ އަދަދުވަނީ ފަހަކަށް އަރައިފަ އެވެ. އިސްރާއީލުން މިޖަރީމާ ހިންގާފައިމިވަނީ އިސްރާއީލު ގަދަބާރުން ވެރިވެގަނެގެންއުޅޭ ފަލަސްތީނުގެ ގުދްސުގެ ޝައިޚް ޖައްރާޙް އަވަށުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން އެއަވަށުން ބޭރުކޮށް ދުނިޔޭގެ އެކި ގައުމުތަކުން އިސްރާއީލަށް ހިޖްރަކުރާ ޔަހޫދީން އެއަވަށުގައި ވަޒަންވެރި ކުރުވުމަށްޓަކައި ނަސްލު ސާފުކުރުމުގެ ޖަރީމާތަަކެއް އިސްރާއީލު ހިންގަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.
ގުދްސުގެ ޝައިޚް ޖައްރާޙް އަވަށުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން އެއަވަށުން ބޭރުކުރުމަށް އިސްރާއީލު ހިންގާ ޖަރީމާތައް އދ. އިން ވަނީ ކުށްވެރިކޮށްފަ އެވެ. ފަލަސްތީނުން ވަނީ މިމައްސަލަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށްވެސް ހުށަހަޅާފަ އެވެ.
އިސްރާއީލުން ފަލަސްތީނުގެ ބިންތަކުން ފަލަސްތީނު ރައްޔިތުން ގަދަކަމުން ބޭރުކޮށް އެތަންތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުންގެންދަނީ ދުނިޔޭގެ ގައުމުތަކާ އަދި އދ. އާ އަދި ބައިނަލްއަގްވާމީ މުއައްސަސާތަކުގެ ކުރިމަތީގަ އެވެ. ނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވޭނެ އަދި އިސްރާއީލާ ދެކޮޅަށް ފިޔަވަޅެއް އެޅޭނެ އެއްވެސް މުއައްސަސާއެއް އަދި ގައުމެއް އަދުގެ ބައިނަލްއަގްވާމީ ނިޒާމުގައި ނެތެވެ.
މި ރަމަޟާންމަހުގެ ކުރީކޮޅު އިސްރާއީލުންވަނީ ޣައްޒާއަށް ވެސް އުދުވާނީ އެތަށް ޙަމަލާތަކެއް ދީފައެވެ. އަދި މި ރަމަޟާންމަހު އިސްރާއީލުން ވަނީ އަވަށްޓެރި ސޫރިއާއަށް ވެސް އެތައް ފަހަރަކު ޙަމަލާދީ އެތަށް ބަޔަކު ޝަހީދުކޮށްލައިފަ އެވެ.
އިސްރާއީލުން އިއްޔެ ފަލަސްތީނުގެ ތިން ޒުވާނެއްގެ ގަޔަށް ބަޑިޖަހައި އޭގެތެރެއިން ދެ ޒުވާނުން ޝަހީދުކޮށްލި ޖަރީމާއަކީ މީހުން މެރުމުގެ ނިޔަތުގައި ގަސްދުގައި ހިންގި ޖަރީމާއެއްކަމަށް ބެލެވިފައިވީ ނަމަވެސް އެދެމީހުންނަށް އިންސާފު ލިބޭނެ އެއްވެސް މަގެއް އެދެމީހުންގެ އާއިލާގެ ކުރިމަތީގައި ނެތެވެ.